ޔުނިސެފުން ރާއްޖެއަށް ހިމަބިހި ވެކްސިންގެ 28،000 ޑޯޒު ހަދިޔާކޮށްފި
unicefun raajjeah himabihi vaccinege 28,000 dose hadhiyaakohffi

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަލުވިކަމާއެކު ހިމަބިހި (މީސަލްސް) ފެތުރެމުންދާތީ، އެ ބަލި ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ބާރުވެރިކަން ދިނުމުގެ ގޮތުން ޔުނިސެފުން ރާއްޖެއަށް 28,000 ޑޯޒްގެ ވެކްސިން ހަދިޔާކޮށްފިއެވެ.
ޔުނިސެފުން ރާއްޖެއަށް ހަދިޔާކުރި މީސަލްސް-ރުބެއްލާ (އެމް.އާރް) ވެކްސިން، މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ އާ ރަސްމީކޮށް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ޔުނިސެފްގެ ފަރާތުން ވެކްސިން ހަވާލުކޮށްދެއްވީ އެ ޖަމާއަތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. އެޑްވަރޑް އަޑައި އެވެ. ސަރުކާރުގެ ފަރާތުން މި އެހީއާ ހަވާލުވެވަޑައިގަތީ މިނިސްޓާ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ ޤީލާ އަލީ އެވެ.
އައުޓްބްރޭކް ރެސްޕޮންސް އިމިއުނައިޒޭޝަން ޕްރޮގްރާމް
މިނިސްޓްރީން ވިދާޅުވީ، ޔުނިސެފުން ހަދިޔާކުރި 28,000 ޑޯޒްގެ މި ވެކްސިނަކީ، ރާއްޖޭގައި ފެތުރެމުންދާ ހިމަބިހި ކޮންޓްރޯލް ކުރުމަށްޓަކައި ކުރިއަށްގެންދާ ”އައުޓްބްރޭކް ރެސްޕޮންސް އިމިއުނައިޒޭޝަން“ ޕްރޮގްރާމަށް އެހީތެރިވުމުގެ ގޮތުން ދީފައިވާ ހަދިޔާއެކެވެ. މި އެހީއަކީ ހިމަބިހި ފެތުރުން ހުއްޓުވުމުގައި މުހިންމު ދައުރެއް އަދާކުރާނެ އެހީއެއް ކަމަށާއި، މިއީ މުޅި ރާއްޖޭގައި ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ބަހައްޓަވާ އަހަންމިއްޔަތުކަން ހާމަކޮށްދޭ ކަމެއް ކަމަށް މިނިސްޓްރީން ފާހަގަކުރެއްވިއެވެ.
މިހާތަނަށް މި ޕްރޮގްރާމްގެ ދަށުން 5,495 މީހުންނަށް ވެކްސިން ދީފައިވާއިރު، މާލެ ސަރަހައްދާއި އަތޮޅުތެރޭގެ ރަށްރަށުގައި ވެކްސިން ދިނުމުގެ މަސައްކަތް ޓީމުތަކުން މެދުނުކެނޑި ދަނީ ކުރަމުންނެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރު ޤީލާ ވަނީ ވެކްސިން ޖެހުމުގެ ޝަރުތު ހަމަވާ ހުރިހާ ބޭފުޅުން ވެސް ވެކްސިން ޖެއްސެވުމަށް ބާރު އަޅުއްވާފައެވެ.
މިނިސްޓަރު ވިދާޅުވީ، ”ތިމާގެ އަމިއްލަ ނަފްސު ރައްކާތެރިކުރުމަކީ، ތިމާގެ އާއިލާއާއި، މުޖުތަމައާއި، އަދި އަޅުގަނޑުމެންގެ ތެރޭގައި ތިބި ބަލިތަކަށް އެންމެ ނާޒުކު ފަރާތްތައް ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް“ ކަމަށެވެ.
މީގެ އިތުރުން، ސިއްހީ ދާއިރާގެ މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތްތަކަށް މިނިސްޓަރު ޝުކުރު އަދާކުރެއްވިއެވެ. އަދި ޔުނިސެފާ ގުޅިގެން މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.




