ޕީއެންސީގެ އެތެރޭގެ އިންތިހާބަށް މާވަށުން ފިނި ތަރުހީބެއް

PNCge ethereyge inthihaanah maavashun fini tharuheebeh

ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި ލ. މާވަށުން ވޯޓުލާން ނުކުތް މީހުންގެ އަދަދު މަދުވީ އެ ރަށުގެ މަސްލަހަތު އޮތް ވޯޓަކަށް ނުވާތީ ކަމަށް މާވަށު ކައުންސިލްގެ ރައީސް އަހުމަދު މޫސާ ވިދާޅުވެއްޖެއެވެ. އިންތިހާބުގެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ، ވޯޓުލާން ނުކުތް މީހުންގެ އަދަދު މަދުވުމަކީ ޕާޓީގެ ލީޑަޝިޕާ މައްސަލައެއް އޮވެގެން ވީކަމެއް ނޫން ކަމަށެވެ.

ދާއިރާގެ މަގާމުތަކަށް މީހުން ހޮވިފައި އޮތުން

އަހުމަދު މޫސާ ވިދާޅުވީ މާވަށު ސްޓިއަރިން ކޮމިޓީއަށް ކުރިމަތިލީ މީހުންގެ އަދަދު މަގާމުތަކާ އެއްވަރުވުމުން، އެ ކޮމިޓީއަށް މީހުން ހޮވަން ވޯޓުލާން ނުޖެހުނު ކަމަށެވެ. އަދި ދާއިރާގެ ރައީސް ކަމަށް ކުރިމަތިލެއްވި ބައެއް ބޭފުޅުންގެ ޝަރުތު ހަމަނުވުމުގެ ސަބަބުން، އެ މަގާމަށް ވެސް ބޭފުޅަކު އިންތިހާބުވެފައިވަނީ ވޯޓަކާ ނުލައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ވޯޓުލުން އޮތް ނައިބު ރައީސްގެ މަގާމަށް ކުރިމަތިލީ އެހެން ދެ ރަށެއްގެ ބޭފުޅުން ކަމަށްވާތީ، މާވަށު ރައްޔިތުން އެކަމުގެ ތެރެއަށް ވަންނަން ބޭނުން ނުވީ ކަމަށް ވިދާޅުވިއެވެ.

އެއާޕޯޓުގެ މައްސަލައާއި ތަރައްގީގެ މަޝްރޫއުތައް

ލ. އަތޮޅުގައި އަޅާ ދެވަނަ އެއާޕޯޓު އިސްދޫ-ކަލައިދޫ ސަރަހައްދުގައި އެޅުމަށް ނިންމުމާ ގުޅިގެން މާވަށު ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، އެއީ ވޯޓަށް ނުކުތް މީހުން މަދުވި ސަބަބެއް ނޫން ކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ. ”ރައީސުލްޖުމްހޫރިއްޔާ ނިންމަވާ ނިންމެވުންތަކުގައި އަޅުގަނޑުމެން ތިބޭނީ ރައީސާ އެކު. މާވަށަށް ހައްގުވާ މިންވަރު ރައީސް މުއިއްޒު ދެއްވާނެ ކަމުގެ ސަތޭކަ ޕަސެންޓް ޔަގީންކަން އެބައޮތް،“ އަހުމަދު މޫސާ ވިދާޅުވިއެވެ.

މީގެ އިތުރުން، ރައީސް ޑރ. މުއިއްޒުގެ ޒައާމަތުގައި މާވަށުގައި ގިނަ ތަރައްގީގެ މަޝްރޫއުތަކެއް ހިނގަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި ބިން ހިއްކުމާއި، މަގު ހެދުމާއި، ޕޮލިސް ސްޓޭޝަނާއި، ހެލްތު ސެންޓަރުގެ އާ އިމާރާތުގެ އިތުރުން ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫއުތަކަކީ މާވަށުގެ ތާރީހުގައި ވެސް ނުދެކޭ ފަދަ ބާރުމިނެއްގައި ކުރިއަށްދާ ކަންކަން ކަމަށް އޭނާ ވިދާޅުވިއެވެ.

 

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments