ކަނޑުއުޅަނދުފަހަރުގެ ކެޕްޓަނުންނަށް ބޯޓް އޮޕަރޭޓާސް ޓްރެއިނިންގ ފަށައިފި
Kandu ulhandhufaharuge captainunah boat operaters training fashaifi

ކަނޑު އުޅަނދުފަހަރުގެ ކެޕްޓަނުންނަށް އަމާޒުކޮށްގެން އެލިއާއިން ބާއްވަމުންގެންދާ ބޯޓް އޮޕަރޭޓާސް ޓްރެއިނިންގ ޕްރޮގްރާމް މިއަދު ފަށައިފިއެވެ.
މިއީ އެލިއާ އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގުޅިގެން ކޮންމެ އަހަރަކު ބާއްވަމުން ގެންދާ ތަމްރީން ޕްރޮގްރާމްތަކުގެ ތެރެއިން 12 ވަނަ ޕްރޮގްރާމެވެ.
މިއަދުން ފެށިގެން މިމަހުގެ 16ގެ ނިއަލަށް ކުރިއަށްދާ މި ތަމްރީން ޕްރޮގްރާމުގައި ޖުމްލަ 48 މީހުން ބައިވެރިވެއެވެ. މީގެ ތެރޭގައި ރިސޯޓުތަކާއި، ކަނޑު ދަތުރުފަތުރުގެ ޚިދުމަތްދޭ ކުންފުނިތަކުގެ އިތުރުން ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ މުވައްޒަފުން ހިމެނޭ ކަމަށް އެލިއާއިން މަޢުލޫމާތުދެއެވެ.
ޕްރޮގްރާމުގެ މަޤްސަދާއި މުހިންމުކަން
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކަނޑު ދަތުރުފަތުރު ކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ކެޕްޓަނުންނަށް އަމާޒުކޮށްގެން ފެށި މި ޕްރޮގުރާމަކީ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، ދިމާވެދާނެ ގުދުރަތީ ނުވަތަ އެހެން ހާދިސާތަކަށް ކެޕްޓަނުން ތައްޔާރުކުރުމަށް ހިންގާ ޕްރޮގްރާމެކެވެ. އެލިއާއިން ހާމަކުރި ގޮތުގައި މި ތަމްރީނުގެ މައިގަނޑު މަޤްސަދަކީ ކެޕްޓަނުންގެ ހުނަރުތައް ތަރައްޤީކޮށް، ސަލާމަތާއި ރައްކާތެރިކަމާ ބެހޭ ފަންނީ މައުލޫމާތު ފޯރުކޮށްދިނުމެވެ.
މި ތަމްރީން ޕްރޮގްރާމުގައި އައުޓްބޯޑް އިންޖީނު އެޅި އުޅަނދުތަކުގައި އިތުބާރާއެކު ދަތުރުކުރުމަށް ކެޕްޓަނުންނަށް ތިއަރީއާއި ޕްރެކްޓިކަލް ސެޝަންތަކެއް ކުރިއަށް ގެންދާނެއެވެ. މީގެ އިތުރުން ނޭވިގޭޝަން ޗާޓާއި، ސޭފްޓީ ޕްރޮޓޮކޯލްތަކާއި، ފަސިންޖަރަކަށް ދިމާވާ ޞިއްޙީ ކުއްލި ހާލަތްތަކުގައި ޢަމަލުކުރާނެ ގޮތްތަކާއި، އަލިފާނުގެ ޙާދިސާތަކުގައި ޢަމަލުކުރާނެ ގޮތްތައް ދަސްކޮށްދެވޭނެއެވެ.
ފަންނީ ތަމްރީނުތަކާއި އެއްބާރުލުން
ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި އެމްއައިޓީގެ ޑިރެކްޓަރ އޮފް ޕްރޮގްރާމް އާދަމް ހަލީމް ވިދާޅުވީ، ”ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ އުޅަނދުފަހަރުގެ ކެޕްޓަނުންނަށް އެތައް ހުނަރުތަކެއް ލިބޭނެ ޕްރޮގްރާމެއް“ ކަމަށެވެ. މިފަދަ ޕްރޮގްރާމުތައް ހިންގުމުގައި އެމްއެންޑީއެފްގެ ފުރިހަމަ އެއްބާރުލުން ލިބޭކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
އެލިއާއިން ކޮންމެ އަހަރަކުވެސް މުޖުތަމަޢަށް ބޭނުންތެރި މިފަދަ ޕްރޮގްރާމްތައް ހިންގަމުންދާއިރު، ސިނާޢަތުގެ މިންގަނޑުތަކަށް ފެތޭގޮތަށް ފަރުމާކޮށްފައިވާ މި ޕްރޮގްރާމަށް އެކި މުއައްސަސާތަކުން ލިބޭ ތަރުހީބަށް އެ ކުންފުނިން ވަނީ ޝުކުރު އަދާކޮށްފައެވެ.




