އިޖުތިމާޢީ އެހީތެރިކަމުގެ މަސައްކަތްތައް ޑިޖިޓަލްކުރުމަށް ”އިތާ“ ޕޯޓަލް ތަޢާރަފްކޮށްފި
Ijthimaaee eheetherikamuge masahkaithah digital kurumah "ithaa" Portal tha'aarafkohffi

އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކޮށް، ޑިޖިޓަލް ވަޞީލަތްތަކުގެ އެހީގައި މަޢުލޫމާތު ބެލެހެއްޓުމަށްޓަކައި ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީތެރިކަމާ ބެހޭ ވުޒާރާއިން ”އިތާ“ ޕޯޓަލް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. މި ޕޯޓަލް އިފްތިތާޙުކޮށްދެއްވީ އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ވަޒީރު ގީލާ ޢަލީއެވެ.
ޔުނިސެފްގެ އެހީތެރިކަމާއެކު ތަރައްޤީކުރި މި ޕޯޓަލްއަކީ އިޖުތިމާޢީ އެހީތެރިކަމަށް އެދި ހުށަހަޅާ މައްސަލަތަކާއި، އެ ވުޒާރާއިން ބަލަހައްޓާ އެކި ބާވަތުގެ މައްސަލަތަކުގެ ލިޔެކިޔުންތައް ޑިޖިޓަލް ނިޒާމަކަށް ބަދަލުކުރުމަށް އެކުލަވައިލި އިންފޮމޭޝަން މެނޭޖްމަންޓް ސިސްޓަމެކެވެ. މީގެ ތެރޭގައި މައްސަލައެއް ހުށަހެޅުމުން ފެށިގެން އެ މައްސަލައެއް ނިމުމާ ހަމައަށް ކުރަންޖެހޭ ހުރިހާ އިޖުރާއާތުތަކެއް ޑިޖިޓަލްކޮށް ބެލެހެއްޓޭނެއެވެ.
މަސައްކަތުގެ ދުވެލި އަވަސްވެ، ޚިދުމަތުގެ ފެންވަރު ރަނގަޅުވާނެ
ޕޯޓަލް އިފްތިތާޙްކޮށްދެއްވުމަށްފަހު ވާހަކަދައްކަވަމުން ވަޒީރު ގީލާ ޢަލީ ވިދާޅުވީ، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ ”މޯލްޑިވްސް 2.0“ މަޝްރޫޢުގެ ދަށުން ކުރެވުނު މުހިންމު މަސައްކަތެއް ކަމަށެވެ. އަދި މި ޕޯޓަލްގެ ސަބަބުން މަސައްކަތުގެ ދުވެލި ހަލުވިވެ، ޑީއެންއާރުގެ ތެރެއިން މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރުކުރުމަށް މުވައްޒަފުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
”މި ޕޯޓަލްއާއެކު އަންނާނެ ކަމަށް ބެލެވޭ އެންމެ ބޮޑު ބަދަލަކީ މަސައްކަތުގެ ދުވެލި ހަލުވިވުން. އަދި އެކި މުއައްސަސާތަކުގެ މެދުގައި މައްސަލަތައް ރިފަރކުރުމާއި، މުވައްޒަފުންގެ މެދުގައި މަސައްކަތްތައް ވިލަރެސްކުރުން މިހާރަށްވުރެ ހަރުދަނާވެގެންދާނެ،“ ވަޒީރު ވިދާޅުވިއެވެ.
ކަރުދާހުން ޑިޖިޓަލް ނިޒާމަކަށް – ރައްޔިތުންގެ އިތުބާރު ބޮޑުކުރުން
މި ޕޯޓަލްއާއެކު މައްސަލަ ބެލުމުގައި ކަރުދާސް ފައިލް ބޭނުންކުރުން ހުއްޓުމަކަށް އައިސް، ރައްޔިތުންގެ ހައްސާސް މަޢުލޫމާތުގެ ސިއްރު ހިފެހެއްޓުމަށް އިތުރު ބާރެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، ކޯލް ސެންޓަރު މެދުވެރިކޮށް މައްސަލަތަކުގެ އެންމެ ފަހުގެ މަޢުލޫމާތު އަވަހަށް ފޯރުކޮށްދެވޭނެތީ، ޚިދުމަތް ހޯދާ ފަރާތްތަކަށް ކުރިމަތިވާ ނުތަނަވަސްކަމަށް ދާއިމީ ހައްލެއް ލިބި، ވުޒާރާގެ ޚިދުމަތްތަކަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުވާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
މި ނިޒާމުގެ ސަބަބުން ”ހާލު ކިހިނެއް“ އަދި ”އިބަމަ“ ފަދަ އިޖުތިމާޢީ ޕްރޮގްރާމްތަކަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެއެވެ. އެގޮތުން އެކި ޓީމުތަކުން އެއް ގެއަކަށް ޒިޔާރަތްކޮށް ތަކުރާރުކޮށް މަޢުލޫމާތު ސާފުކުރުން ފަދަ ކަންކަން ހުއްޓުމަކަށް އައިސް، ޚިދުމަތް ދިނުމުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ މަސައްކަތް މިހާރަށްވުރެ ހަރުދަނާވެގެންދާނެއެވެ.




