ރާއްޖެއިން ބޭރުގައި ދިވެހިން ކުރާ ހޭދައާ ގުޅޭ ސަރވޭއެއް ހަދަނީ

Rajjein beyrugai dhivehin kuraa heydha aai gulhey survey eh hadhanee

ދިވެހީން ރާއްޖެއިން ބޭރުގައި ކުރާ ހޭދައާ ގުޅޭ މައުލޫމާތު އެއްކުރުމަށްޓަކައި ޚާއްސަ ސަރވޭއެއް ކުރިއަށްގެންދަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފިއެވެ. މި ސަރވޭއަކީ ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓްސްއާ ގުޅޭ ތަފާސްހިސާބުތައް އެކުލަވާލުމަށް ބޭނުންވާ މުހިންމު މައުލޫމާތު ހޯދުމަށް ކުރިއަށްގެންދާ ސަރވޭއެކެވެ.

އެމްއެމްއޭއިން ހާމަކޮށްފައިވާ ގޮތުގައި މި ސަރވޭ ކުރިއަށްދާނީ މި މަހުގެ 25 އިން 31 ގެ ނިޔަލަށެވެ. ސަރވޭގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އެރައިވަލް ހޯލުގައެވެ. މި ސަރވޭގައި މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ ރާއްޖެއިން ބޭރަށް ދަތުރުކުރުމަށްފަހު އެނބުރި ރާއްޖެ އަންނަ ދިވެހިންނަށެވެ.

ސަރވޭގައި އެއްކުރާނެ މައުލޫމާތުތައް

މި ސަރވޭގައި ދަތުރުވެރިންގެ ފަރާތުން މައިގަނޑު ގޮތެއްގައި އޮޅުންފިލުވާނީ ދަތުރުގެ މަޤުސަދާއި، ދަތުރުކުރި ޤައުމާއި، ޓިކެޓަށާއި ހުރުމަށް ހިނގި ޚަރަދުގެ މައުލޫމާތެވެ. މީގެ އިތުރުން ބޭސްފަރުވާއަށް ކުރި ޚަރަދާއި، ޖުމްލަ ގޮތެއްގައި މުޅި ދަތުރަށް ހޭދަވި މިންވަރުގެ ތަފްސީލު ހޯދުމަށް ވަނީ ހަމަޖެހިފައެވެ.

”މި މައުލޫމާތު ނެގި ނަމަވެސް ވަކިވަކި ފަރުދުންގެ ނަމާއި، އެޑްރެސް ފަދަ ޒާތީ އެއްވެސް މައުލޫމާތެއް ސަރވޭގައި އެއް ނުކުރާނެ،“ އެމްއެމްއޭއިން ވިދާޅުވިއެވެ. އެ އޮތޯރިޓީން ވަނީ ސަރވޭގައި ނަގާ ހުރިހާ މައުލޫމާތެއްގެ ސިއްރުވެރިކަން ހިފަހައްޓާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދީފައެވެ.

ސަރވޭ ކުރިއަށްދާ މުއްދަތުގައި އެމްއެމްއޭގެ މުވައްޒަފުން އެއަރޕޯޓުގެ އެރައިވަލް ހޯލުގައި ހަރަކާތްތެރިވަމުންދާނެއެވެ. އެހެންކަމުން، ރާއްޖެއިން ބޭރުން ދަތުރު ނިންމާފައި އަންނަ ދިވެހިންގެ ފަރާތުން މި ސަރވޭއަށް ފުރިހަމަ އެއްބާރުލުން ދިނުމަށް އެމްއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments