ޗުއްޓީ ހޭދަކުރުމުގައި ސިއްޙަތަށް ސަމާލުކަން ދިނުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފި
Chuhtee heydhakurumugai sihathah samaalukan dhinuah HPA in ilthimaaskohffi

ފުރަތަމަ ޓާމުގެ ކިޔެވުން ނިމި، ދަރިވަރުންގެ ޗުއްޓީ ފެށިފައިވާ މި ދުވަސްވަރު، އުފާވެރި ޗުއްޓީއެއް ހޭދަކުރުމުގައި ދުޅަހެޔޮ ސިއްޙަތަށް ސަމާލުކަން ދެއްވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކުރައްވައިފިއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އެޗްޕީއޭއިން ވަނީ ޗުއްޓީ ދުވަސްވަރު ސިއްޙަތަށް ސަމާލުވުމަށް ކުރެވިދާނެ މުހިންމު ކަންތައްތަކެއް ހިއްސާކުރައްވާފައެވެ.
އެޗްޕީއޭއިން ވިދާޅުވީ ދުޅަހެޔޮކަން ދެމެހެއްޓުމަށް އެންމެ އިސްކަންދޭންޖެހޭ އެއްކަމަކީ ދުންފަތުގެ އިސްތިއުމާލު ކުރުމާ ދުރުހެލިވުން ކަމަށެވެ. ޚާއްސަކޮށް އާއިލާއާއި ރައްޓެހިންނާއެކު ހޭދަކުރާ ވަގުތުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ، ތިމާގެ އިތުރުން ގާތުގައި ތިބޭ އާއިލާގެ މެންބަރުންނާއި ކުޑަކުދިންނަށްވެސް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމެއްކަން އެ އެޖެންސީން ފާހަގަކުރައްވައެވެ.
ކެއުންބުއިމުގެ އާދަތަކަށް ބަލާއިރު، ޗުއްޓީ ތެރޭގައި މިންހެޔޮ ކާނާއަށް އިސްކަންދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން ކޮންމެ ދުވަހެއްގެ ކެއުމުގައި ތަރުކާރީއާއި މޭވާ ހިމެނުމަށާއި، ހަކުރާއި ލޮނު އަދި ޓްރާންސް ފެޓް ގިނަ ކާނާއާއި ބުއިންތަކާ ދުރުހެލިވުމަށް އެޗްޕީއޭއިން އެދިވަޑައިގަންނަވައެވެ. މިއީ ޗުއްޓީ ދުވަސްވަރު އާންމުކޮށް ފޮނި އެއްޗެއްސާއި ތަފާތު ކާނާތައް ގިނައިން ބޭނުންކުރެވޭތީ ދެއްވާފައިވާ އިރުޝާދެކެވެ.
މީގެ އިތުރުން، ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަށްޓަކައި ސްމާޓްފޯނާއި ޓެބްލެޓް ފަދަ ސްކްރީންތަކުގެ ކުރިމަތީގައި ހޭދަކުރާ ވަގުތު މަދުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. ގިނަ ވަގުތު އެއްތަނެއްގައި އިށީނދެގެން ތިބުމުގެ ބަދަލުގައި، މޫދަށް އެރުމާއި، ހިނގާލަން ދިއުމާއި، އާއިލާއާއެކު ކުޅިވަރު ކުޅުން ފަދަ ހަށިގަނޑަށް ކަސްރަތު ލިބޭ ހަރަކާތްތަކުގައި ބައިވެރިވުން މުހިންމު ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
ފުރަތަމަ ޓާމުގެ ބަންދަށް ދަރިވަރުންނަށް 16 ދުވަހުގެ ޗުއްޓީއެއް ލިބިފައިވާއިރު، ދެވަނަ ޓާމުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ 2 ވަނަ ދުވަހުއެވެ. އެޗްޕީއޭއިން ބާރުއަޅުއްވަނީ ޗުއްޓީގެ އުފާވެރިކަން ފުރިހަމަވާނީ ސިއްޙަތަށް ބަލައިގެން އުޅުމުން ކަމަށެވެ.




