މޫސުން އަދި ވެސް ވަރަށް ގޯސް، މިއަދު ވެސް ލާމަށް ރީނދޫ ސަމާލު.

މިހާރު ރާއްޖެއަށް ކުރަމުން މި ދާ ވިއްސާރައިގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަނީ މޫސުމާއި ބެހޭ ”އެލަރޓު“ ތައް ދަނީ ނެރެމުންނެވެ. އެގޮތުން ލާމު އަތޮޅުން ފެށިގެން ރާއްޖޭގެ އެންމެ އުތުރަށް، މިއަދު 13:30 އިން 19:30އަށް މި ވަނީ ރީނދޫ ސަމާލު، މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ނެރެފައެވެ.
އެގޮތުން ބޯކޮށް ވާރޭވެހި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދު ވައިގަދަ ވާނެ ކަމަށާއި ކަނޑު ގަދަ ވާނެ ކަމަށް ވެސް ލަފާކޮށްފައި ވެއެވެ.
ދިވެހިރާއްޖެއަށް ހުޅަނގު މޫސުމުގެ ބާރު ގަދަ ވުމާއި ގުޅިގެން މޫސުން ގޯސްވެ ކަނޑުތައް ގަދަ ވާތީ، ކޮންމެހެން ކުރަންޖެހޭ ކަނޑުދަތުރެއް ނޫނީ ނުކުރުމަށް ކަމާ ބެހޭ އިދާާތަކުން އިލްތިމާސް ކުރެއެވެ.
މޫސުން ގޯސްވުމާއި ގުޅިގެން ކަނޑުމަތީގައި އަދި އެއްގަމުގައި ވެސް ތަފާތު އެކި ނުރައްކާތެރި ހާދިސާތައް ދަނީ ހިނގަމުންނެވެ. މި ކަންކަމުން ރައްކާާތެރިވެ ތިބުމަށް ކަނޑުމައްޗަށް ނޭރުމާއި، ގެއިން ބޭރަށް ނުނިކުތުމާއި، ފެންބޮޑުވެގެން ގެއަށް ފެން ވަންނާނެ ކަމަށް ލަފާ ކުރެވޭ ނަމަ ވެލި ބަސްތާ ޖެހުން ފަދަ ކަންކަމަކީ މޫސުމަށް ރައްކާތެރިވުމުގެ ގޮތުން ކުރެވިދާނެ ކަންކަމެވެ.
މިމަހުގެ 26 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ދިރާސީ އާ އަހަރުގެ ފުރަތަމަ ތިން ދުވަހުގައި ކިޔަވައިދޭ ގަޑިތައް ވެސް، މޫސުން ގޯސްވުމާއި ގުޅިގެން މަދު ކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.