ރާއްޖެއަށް އެތެރެ ކުރި ތެލުގެ އަގު މިއަހަރު %80 މައްޗަށް

Raajje ah ethere kuri theluge agu miaharu 80% mahchah

މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި ރާއްޖެއަށް އިމްޕޯޓުކުރި ތެލުގެ ބާވަތްތަކުގެ އަގު، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %80.3 އިތުރުވެފައިވާކަން މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ. މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާއިރު، މިއީ ރާއްޖޭގެ އިމްޕޯޓް ހަރަދަށް އައި ބޮޑު ބަދަލެކެވެ.

ތެލުގެ ބާވަތްތަކަށް ކުރި ހޭދަ ބޮޑުތަނުން އިތުރުވެފައިވުން

މިއަހަރު މެއި މަހުގެ ނިޔަލަށް ރާއްޖެއަށް އިމްޕޯޓުކުރި މުދަލުގެ އަގު އެންމެ ބޮޑަށް އުފުލިފައިވަނީ ތެލުގެ ބާވަތްތަކުންނެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރުގެ ފުރަތަމަ ފަސް މަހު ތެލަށް 276.1 މިލިއަން ޑޮލަރު ހޭދަވިއިރު، މި އަހަރުގެ އެ މުއްދަތުގައި އެ އަދަދު ވަނީ 498 މިލިއަން ޑޮލަރަށް އަރައިފައެވެ.

ވަކިވަކި ބާވަތްތަކަށް ބަލާއިރު، ޕެޓްރޯލް އެތެރެކުރުމަށް ކުރި ހޭދަ ވަނީ %127 އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރު 36.2 މިލިއަން ޑޮލަރުގެ ޕެޓްރޯލް އެތެރެކުރިއިރު، މި އަހަރު އެ އަދަދު ވަނީ 82.2 މިލިއަން ޑޮލަރަށް އުފުލިފައެވެ. މީގެ އިތުރުން ޑީސަލަށް ކުރި ހޭދަ 208.5 މިލިއަން ޑޮލަރުން 376.8 މިލިއަން ޑޮލަރަށް (%80) އުފުލިފައިވާއިރު، ޖެޓްފިއުލް އެތެރެކުރި އަގު ވަނީ 19.2 މިލިއަން ޑޮލަރުން 24.4 މިލިއަން ޑޮލަރަށް (%27) އިތުރުވެފައެވެ.

ޖުމްލަ އިމްޕޯޓަށް އައި ބަދަލު

އެމްއެމްއޭއިން އާންމުކޮށްފައިވާ މާލީ ރިޕޯޓުތަކަށް ބަލާއިރު، މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މޭ މަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 1.8 ބިލިއަން ޑޮލަރުގެ މުދާ އެތެރެކޮށްފައިވެއެވެ. މިއީ ދިވެހި ރުފިޔާއިން ބަލާނަމަ ގާތްގަނޑަކަށް 28.1 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެތެރެކޮށްފައިވަނީ 1.4 ބިލިއަން ޑޮލަރުގެ މުދާ ކަމަށްވުމުން، ޖުމްލަ އިމްޕޯޓު ވަނީ %24.7 އިތުރުވެފައެވެ.

ސަރުކާރުގެ ސިޔާސަތު

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުނު ނަމަވެސް، ދިވެހި ސަރުކާރުން ވަނީ އޭގެ ސީދާ އަސަރު ރައްޔިތުންނަށް ނުކުރާނެހެން ފިޔަވަޅުތައް އަޅާފައެވެ. އެހެން ގައުމުތަކުގައި ކަރަންޓާއި ދަތުރުފަތުރުގެ އަގުތައް އިންތިހާއަށް އުފުލިފައިވީ ނަމަވެސް، ރާއްޖޭގައި މި ހިދުމަތްތަކުގެ އަގު އެއްވަރެއްގައި ހިފެހެއްޓުމަށް ސަރުކާރުން ވަނީ ހާއްސަ އިސްކަމެއް ދީފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments