ސަރުކާރު ކުންފުނިތަކުގެ އިތުރު ގަޑީގެ އެލަވަންސް އެއްހަމަކުރަނީ
sarukaaru kunfunithakuge ithuru gadeege allowence eh hamakuranee

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުގަޑީގެ ފައިސާ ދިނުމާ ގުޅޭ އުސޫލުތައް އެއްހަމަކުރުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަންގައިފިއެވެ.
ޕީސީބީން މިގޮތަށް އަންގާފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ސަބްސިޑިއަރީތަކުގެ ހިންގުން ހަރުދަނާކޮށް، މާލީ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ މަގުސަދުގައެވެ.
ޕީސީބީން މިއަދު ކުންފުނިތަކަށް ފޮނުވި ސާކިއުލާގައި އިރުޝާދު ދީފައިވަނީ، ހަފުތާއަކު 48 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތް ކުރާ ވަގުތަށް އެކަނި އިތުރުގަޑީގެ ފައިސާ ލިބޭގޮތަށް ކުންފުނިތަކުގެ އުސޫލުތައް ބަދަލުކުރުމަށެވެ. މި ނިންމުމުގެ މައިގަނޑު ބޭނުމަކީ އިތުރުގަޑީގެ މަސައްކަތް ބެލެހެއްޓުމުގައި ހުރިހާ ކުންފުންޏަކުންވެސް އެއް އުސޫލަކަށް އަމަލުކުރުން ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.
މިހާރުވެސް އިތުރުގަޑީގެ ފައިސާ ދިނުމުގައި ވަކި ކެޕެއް ނުވަތަ ހިފެހެއްޓުމެއް ކަނޑައަޅާފައިވާ ކުންފުނިތަކުން، އެ ކުންފުނިތަކުގެ މިހާރުގެ އުސޫލުތަކާއި އައު 48 ގަޑިއިރުގެ އުސޫލު އަޅާކިޔައި، ކުންފުންޏަށް މާލީގޮތުން އެންމެ ފައިދާހުރި އަދި ޚަރަދު ކުޑަ ގޮތެއް އިޚްތިޔާރު ކުރުމަށްވެސް ޕީސީބީން ވަނީ އަންގާފައެވެ. މި ބަދަލުގެ ސަބަބުން މަސައްކަތްތައް ރޭވުންތެރިކަމާއެކު ކުރިއަށް ގެންދިއުމަށާއި، މުވައްޒަފުންގެ މެދުގައި މަސައްކަތްތައް ހަމަހަމައަށް ބެހުމަށް މަގުފަހިވާނެ ކަމަށް އެ އިދާރާއިން ދެކެއެވެ.
ޕީސީބީން ކަނޑައަޅާފައިވާ ގޮތުގައި، މިމަހުގެ 30ގެ ކުރިން ކުންފުނިތަކުގެ އިތުރު ގަޑީގެ ފައިސާ ދިނުމުގެ އުސޫލަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ނިންމަންވާނެއެވެ. އަދި މި އިސްލާޙު ކުރާ އުސޫލުތަކަށް އަމަލުކުރަން ފަށާނީ އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. އިތުރު ގަޑީގެ ޚަރަދުތައް ހަރުދަނާކޮށް ބެލެހެއްޓުމުން، ކުންފުނީގެ މުހިންމު މަސައްކަތްތަކަށާއި ޚިދުމަތްތައް ރަނގަޅު ކުރުމަށް އިތުރު ވަސީލަތްތައް ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ޕީސީބީން ވިދާޅުވެއެވެ.
މިއީ ސަރުކާރު ކުންފުނިތަކުގެ ހިންގުން ހަރުދާނާކޮށް، އެ ކުންފުނިތަކަކީ ފައިދާގައި ހިންގާ ތަންތަނަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ބައެކެވެ. މި މަސައްކަތުގެ ދަށުން މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށްވެސް ޕީސީބީން މީގެކުރިން ވަނީ ކުންފުނިތަކަށް އަންގާފައެވެ. އެ މަސައްކަތް ތިން މަސް ދުވަހުގެ ތެރޭގައި ނިންމުމަށްވެސް ވަނީ އިރުޝާދު ދީފައެވެ.




