އަމްރިތާގެ އެއްބަސްވުން އައު ކުރުމުގެ މަރުހަލާގައި އޮތް ކަމަށް އާސަންދައިން ބުނެފި

Amritage ehbassvun au kurumuge maruhalaagai oiy kamaha aasandha in bunefi

އިންޑިއާގެ ކޮޗިންގައި ހުންނަ އަމްރިތާ ހޮސްޕިޓަލުގެ ޕެކޭޖުތަކުގެ އަގުތައް ލިބިފައިވާ ކަމަށާއި އެއްބަސްވުން އައުކުރުމަށް ތައްޔާރުވެފައިވާ ކަމަށް އާސަންދަ ކުންފުނިން ހާމަކޮށްފިއެވެ.

އަމްރިތާ ހޮސްޕިޓަލަކީ ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާއަށް ގޮސް އުޅޭ ހޮސްޕިޓަލަކަށް ވާއިރު، އެ ހޮސްޕިޓަލަށް އާސަންދައިގެ ދަށުން އާ ބަލި މީހުން ފޮނުވުން ދާދިފަހުން ވަނީ މެދުކަނޑާލާފައެވެ.

މިކަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އާމިނަތު ޒީނިޔާ ވިދާޅުވީ، އާސަންދައިގެ ދަށުން ސިއްޙީ ޚިދުމަތް ފޯރުކޮށްދޭ ބޭރުގެ ހޮސްޕިޓަލު ތަކާއެކު ހަދާފައިވާ އެއްބަސްވުންތައް އައު ކުރުމަށް ދުރާލާ މަސައްކަތް ކުރައްވާ ކަމަށެވެ. އެގޮތުން މުއްދަތު ހަމަވުމުގެ 3 ނުވަތަ 4 މަސް ދުވަހުގެ ކުރިން ހޮސްޕިޓަލުތަކަށް ޕެކޭޖުތަކުގެ އަގުތައް ދިނުމަށް އަންގާކަމަށް އޭނާ ވިދާޅުވިއެވެ.

ޒީނިޔާ ވިދާޅުވި ގޮތުގައި އަމްރިތާ ހޮސްޕިޓަލަށް އައު ބަލި މީހުން ފޮނުވުން މެދެކަނޑާލާފައިވަނީ، އެ ހޮސްޕިޓަލުން ޕެކޭޖުތަކުގެ އަގުތައް ނުދީ އޮތުމުންނެވެ. ނަމަވެސް މިހާރު އެ ހޮސްޕިޓަލުން ޕެކޭޖުތަކުގެ އަގުތައް ހިއްސާކޮށްފައިވާ ކަމަށާއި، އެ އަގުތައް މުރާޖަޢާ ކުރުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

“އަގުތައް މުރާޖަޢާ ކުރުމަށްފަހު ދެބައި މީހުން އެއްބަސްވާ އަގުތަކެއް ކަނޑައަޅާ އައު އެއްބަސްވުމުގައި ސޮއިކުރާނެ. މިހާރުވެސް އެ ހޮސްޕިޓަލުން ފަރުވާ ހޯދާ މީހުންނަށް މެދުކެނޑުމެއްނެތި ޚިދުމަތް ލިބޭނެ. އަމްރިތާ ހޮސްޕިޓަލުގެ އިތުރުން ވަރަށް ގިނަ ދިވެހިން ޚިދުމަތް ހޯދާ ކޮޗިންގެ 4 ހޮސްޕިޓަލް ހުންނާނެ. އެއީ، ދިވެހިން ވަރަށް ބޭނުންވެގެން ދާ ހޮސްޕިޓަލުތަކެއް.” ޒީނިޔާ ވިދާޅުވިއެވެ.

އާސަންދައަކީ ދިވެހި ކޮންމެ ރައްޔިތަކަށް ދައުލަތުގެ ޚަރަދުގައި ހިލޭ ބޭސްފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ހެލްތު އިންޝުއަރެންސްގެ ޤައުމީ ނިޒާމެވެ. އާސަންދައިން އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 3 ބިލިއަން ރުފިޔާ ބޭސްފަރުވާއަށް ޚަރަދުކުރާއިރު، މި ނިޒާމުގެ ދަށުން އިންޑިއާ، ސްރީލަންކާ، ދުބާއީ އަދި ތައިލެންޑުގެ ބައެއް ހޮސްޕިޓަލުތަކަށް ބަލި މީހުން ފޮނުވަމުންދެއެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އާސަންދައިގެ ދަށުން “މެރަނާ” ސްކީމް މެދުވެރިކޮށް ސިއްޙީ ޚިދުމަތް ފޯރުކޮށްދެމުންދެއެވެ. މި ޚިދުމަތް މިހާރު ލިބެމުންދަނީ އިންޑިޔާ، ސްރީލަންކާ އަދި މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments