މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގެ އައު އިމާރާތް ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވައިފި
Maritime rescue cordination centerge au imaaraai raeesuljumhoorihyaa hulhuvaidhehviaif

ވިލިމާލޭގައި ތަރައްގީކުރި ސިފައިންގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) ގެ އައު އިމާރާތް ރަސްމީކޮށް ހުޅުވައިފިއެވެ.
ވިލިމާލޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ސެންޓަރު ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.
އެމްއާރުސީސީ އަކީ ދިވެހިރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދުގައި ހިނގާ ނުރައްކާތެރި ހާދިސާތަކުން ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތައް ވިލަރެސްކުރުމަށް އުފައްދާފައިވާ މައި މަރުކަޒެވެ. ޖަޕާނު ސަރުކާރުގެ އެހީގައި ތަރައްގީކުރި މި އިމާރާތުގެ ބިންގާ އަޅާފައިވަނީ 23 ޖޫން 2022 ގައެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ މަސައްކަތް ލަސްވެފައި ވަނިކޮށް، ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން މި މަޝްރޫއު އަވަސްކުރުމަށް ޚާއްސަ އިސްކަމެއް ދެއްވިކަން އެމްއެންޑީއެފުން ފާހަގަކުރެއެވެ.
ޒަމާނީ ވަސީލަތްތަކާއެކު ޚިދުމަތް ފުޅާކުރުން
އަލަށް ހުޅުވި އިމާރާތުގައި ކަނޑާއި ވައިގެމަގުން ހިނގާ ހާދިސާތައް ވިލަރެސްކުރުމަށް ޒަމާނީ އޮޕަރޭޝަންސް ރޫމެއްގެ އިތުރުން، އިންސާނީ ވަސީލަތް ތަރައްޤީކޮށް ތަމްރީނުތައް ހިންގުމަށް ކްލާސްރޫމްތަކާއި އޮޑިޓޯރިއަމެއް ވަނީ ޤާއިމްކޮށްފައެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމުގައި ޔޫއެންއޯޑީސީން ޚާއްސަ ދައުރެއް އަދާކޮށްފައިވާއިރު، ބޭނުންވާ އާލާތްތައް ހޯދުމަށް އޮސްޓްރޭލިޔާ ސަރުކާރުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ރާއްޖޭގައި އެމްއާރުސީސީގެ ޚިދުމަތް ފުރަތަމަ ފެށުނީ 2006 ވަނަ އަހަރު “ގްލޯބަލް މެރިޓައިމް ޑިސްޓްރެސް އެންޑް ސޭފްޓީ ސިސްޓަމް” (ޖީއެމްޑީއެސްއެސް) ގެ ނަމުގައެވެ. އޭގެ ފަހުން 2012 ވަނަ އަހަރު މި މަރުކަޒުގެ ނަން މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގެ ނަމަށް ބަދަލުކޮށް، ހުރިހާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކެއް އެއް ފުރާޅެއްގެ ދަށުން ވިލަރެސްކުރަން ފެށުނެވެ.
އެމްއެންޑީއެފުން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި 3,713 ހާދިސާއެއް އެމްއާރުސީސީއަށް ރިޕޯޓްކޮށްފައިވެއެވެ. މި ހާދިސާތަކުގައި 8,359 ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށް ކާމިޔާބު އޮޕަރޭޝަންތަކެއް ވަނީ ހިންގާފައެވެ. އައު އިމާރާތާއެކު ކޯސްޓްގާޑުގެ ޤާބިލްކަން އިތުރުވެ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެއެވެ.




