މިދިޔަ ހަފުތާގައި ސްކޭމްގެ 33 މައްސަލަ ފުލުހަށް ހުށައެޅި
Midhiya hafthaagai scamge 33 mahssala fuluhah hushaelhi

މިދިޔަ ހަފުތާގެ ތެރޭގައި ސްކޭމްގެ 33 މައްސަލައެއް ފުލުހުންނަށް ހުށައަޅާފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ. ފުލުހުން ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި ސައިބާ ކްރައިމްގެ ބާވަތްތައް ދަނީ އިތުރުވަމުންނެވެ.
އަދި ރާއްޖޭގައި ހިންގާ ސްކޭމްތަކުގެ 90 އިންސައްތައަކީ ރާއްޖޭގެ އެތެރޭގައި ތިބެގެން ހިންގާ އަމަލުތަކެއްކަންވެސް ފުލުހުން ވަނީ ފާހަގަކުރައްވާފައެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފުތާގައި ހުށައެޅުނު މައްސަލަތަކުގައި ޖުމްލަ 184,235.00 ރުފިޔާ ވަނީ ގެއްލިފައެވެ. ނަމަވެސް، ފުލުހުން ކުރި މަސައްކަތުން މީގެ ތެރެއިން 72,073.00 ރުފިޔާ ވަނީ ކާމިޔާބުކަމާއެކު އަނބުރާ ހޯދައިދީފައެވެ. މި ސްކޭމްތައް ހިންގުމަށް އާންމުކޮށް ބޭނުންކޮށްފައިވަނީ އޮންލައިން މެސެޖިންގ މަންސަތަކާއި، އައިބޭ، ފޯނު ކޯލް، ފިޝިން ލިންކް އަދި ފޭސްބުކް މާރކެޓްޕްލޭސް ފަދަ ވަސީލަތްތަކެވެ.
ސްކޭމްގެ ބާވަތްތަކާއި އެންމެ ގިނައިން ހުށައެޅުނު މައްސަލަތައް
މިދިޔަ ހަފުތާގައި އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އީ-ކޮމާސްއާ ގުޅުންހުރި ސްކޭމްތަކެވެ. ތަފާސްހިސާބުތަކަށް ބަލާއިރު:
* އީ-ކޮމާސް: 16 މައްސަލަ
* ބުކިން ކެންސަލޭޝަން ރިފަންޑް ސްކޭމް: 7 މައްސަލަ
* ފައިސާ މާރުކުރުން: 4 މައްސަލަ
* އެހެންމީހަކަށް ވެގެން އޮޅުވާލުން: 1 މައްސަލަ
* އެހެނިހެން: 5 މައްސަލަ
އީ-ކޮމާސް ސްކޭމްތައް ގިނަވުމާ ގުޅިގެން، އޮންލައިންކޮށް ވިޔަފާރިކުރާއިރު މުދާ ވިއްކާ ފަރާތްތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ. މީގެ އިތުރުން ‘ބުކިންގ ކެންސަލް ރިފަންޑް’ ސްކޭމްތަކަށް ސަމާލުވުމަށް އެންޓިސްކޭމް ސެންޓަރުން ވަނީ އިރުޝާދު ދެއްވާފައެވެ. މިފަދަ ސްކޭމްތަކުގައި ފޭކު ސްލިޕް ފޮނުވުމަށްފަހު، ކުއްލި ކަމެއް ދިމާވެގެން ބުކިންގ ކެންސަލްކުރަން ބުނެ ފައިސާ އަނބުރާ ހޯދަން އެދޭކަމަށް ފުލުހުން ވިދާޅުވިއެވެ. އެހެންކަމުން، ރިފަންޑް ދިނުމުގެ ކުރިން އެކައުންޓަށް ފައިސާ ވަދެފައިވާކަން ބޭންކިންގ އެޕް މެދުވެރިކޮށް ޔަގީންކުރުމަކީ މުހިންމު ކަމެކެވެ.
ޒަމާނީ ޓެކްނޮލޮޖީއާއެކު ސްކޭމްތައް ހިންގާ ގޮތް ބަދަލުވަމުންދާކަން ފާހަގަކޮށް، އާޓިފިޝަލް އިންޓެލިޖެންސް (AI) ބޭނުންކޮށްގެން އުފައްދާ ޑީޕް ފޭކް ކޮންޓެންޓްތަކަށް ސަމާލުވުމަށްވެސް އެންޓިސްކޭމް ސެންޓަރުން ވަނީ އަންގާފައެވެ. ސްކޭމަރުން މިހާރު އޭއައި އަކީ އެމީހުންގެ ވަސީލަތެއްގެ ގޮތުގައި ބޭނުންކުރަން ފަށާފައިވާކަން ފުލުހުން ފާހަގަކުރެއެވެ.
ސްކޭމްތަކުން ރައްކާތެރިވުމުގެ ގޮތުން ޝައްކުކުރެވޭ އެއްވެސް ލިންކަކަށް ފިތާނުލުމަށާއި، އޯޓީޕީ ފަދަ ސިއްރު މައުލޫމާތު އެއްވެސް މީހަކާ ހިއްސާ ނުކުރުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ. އަދި ސްކޭމެއްގެ ޝިކާރައަކަށް ވެއްޖެނަމަ، ލަސްނުކޮށް 125 އަށް ގުޅައި ރިޕޯޓްކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އިލްތިމާސްކުރައްވާފައެވެ.




