ގަމުގައި ޕްރައިމަރީ ހެލްތްކެއަރ ރިވައިޓަލައިޒޭޝަން ޕްރޮގްރާމް ފަށައިފި
Gamugai primary healthcare rivitalaisation programe fashaifi

އިބްތިދާއީ ސިއްހީ ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށް ކުރިއަށްގެންދާ “ޕްރައިމަރީ ހެލްތްކެއަރ ރިވައިޓަލައިޒޭޝަން ޕްރޮގްރާމް” ލ. ގަމުގައި ފެށުމަށް ހަމަޖެހިއްޖެއެވެ. މި ޕްރޮގްރާމްގެ ހަރަކާތްތައް ރަސްމީކޮށް ފަށައިފައިވަނީ މިއަދުއެވެ.
މި ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ ރަށުގައި ދިރިއުޅޭ ރައްޔިތުންގެ ސިއްހީ ހާލަތު ދެނެގަނެ، ބަލިތަކުން ރައްކާތެރިވުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމެވެ. މިގޮތުން، ގަމު ރީޖަނަލް ހޮސްޕިޓަލުގެ ޚާއްސަ ޓީމުތަކުން ރަށުގެ ގޭގެއަށް ޒިޔާރަތްކޮށް، ރައްޔިތުންގެ ސިއްހީ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ.
މައުލޫމާތު އެއްކުރުމާއި ޓެސްޓުތައް ހެދުން
މި ޕްރޮގްރާމްގެ ދަށުން މައުލޫމާތު އެއްކުރުމަށް ހަމަޖެހިފައިވަނީ 18 އަހަރުން މަތީގެ ދިވެހި ރައްޔިތުންގެއެވެ. މީގެ އިތުރުން، 35 އަހަރުން މަތީގެ ފަރާތްތަކަށް އަމާޒުކޮށްގެން ބައެއް ލެބޯޓަރީ ޓެސްޓުތައް ހެދުމަށް ވެސް ވަނީ ނިންމާފައެވެ. މިއީ ގައިން ގަޔަށް ނާރާ ބަލިތައް ދެނެގަތުމަށާއި، ދުރާލާ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
ގަމު ރީޖަނަލް ހޮސްޕިޓަލުން ވަނީ މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ރަށުގެ އެންމެހާ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދެއްވުމަށް އެދިފައެވެ. “އަޅުގަނޑުމެންގެ ހޮސްޕިޓަލުގެ ފަރާތުން ޒިޔާރަތްކުރާ ޓީމުތަކަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދެއްވުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް،” ހޮސްޕިޓަލުން ނެރުނު ބަޔާނުގައި ވެއެވެ.
މި ޕްރޮގްރާމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ހޮސްޕިޓަލުގެ ހޮޓްލައިން ނަންބަރު 1662 ނުވަތަ 6800026 އަށް ގުޅުއްވުމަށް ހޮސްޕިޓަލުން އިރުޝާދުދެއެވެ. އަދި ހޮސްޕިޓަލުގެ ސޯޝަލް މީޑިއާ ޕޭޖުތަކުން ވެސް ޕްރޮގްރާމާ ގުޅޭ ފަހުގެ މައުލޫމާތު ލިބޭނެއެވެ.




