ހަތް ދުވަސްތެރޭ ސްކޭމްކޮށްގެން ތިންލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގެންފި
Haiy dhuvastherey scam kohgen thin lakka ahvure gina rufiyya feyrigenfi

ވޭތުވެދިޔަ ހަތް ދުވަހުގެ ތެރޭގައި ސްކޭމްކޮށްގެން ތިން ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގެންފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ. ފުލުހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހުގެ 26 އިން ފެށިގެން މި މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ސްކޭމްގެ ޖުމްލަ 42 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ.
މި މުއްދަތުގެ ތެރޭގައި ސްކޭމްކޮށްގެން ޖުމްލަ 334,549 ރުފިޔާ ފޭރިގެންފައިވާއިރު، އޭގެ ތެރެއިން 48.89 އިންސައްތަ ފައިސާ އަނބުރާ ހޯދިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެއީ ޖުމްލަ 163,558 ރުފިޔާއެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މުއްދަތުގައި ދުވާލެއްގެ މައްޗަށް އެވަރޭޖުކޮށް 6 ސްކޭމް މައްސަލަ ވަނީ ހުށަހަޅާފައެވެ.
އެންމެ ގިނައީ އޮންލައިން ވިޔަފާރީގެ މަކަރާއި ހީލަތް
ފުލުހުން ވިދާޅުވި ގޮތުގައި މިދިޔަ ހަފުތާގައި އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އޮންލައިން ވިޔަފާރި ނުވަތަ އީ-ކޮމާސްއާ ގުޅުންހުރި ސްކޭމްތަކެވެ. އެގޮތުން 15 މައްސަލައެއް (35.71 އިންސައްތަ) ރިޕޯޓުކޮށްފައިވެއެވެ. ދެވަނައަށް އެންމެ ގިނައީ ބުކިން ކެންސަލްކޮށް ރިފަންޑް ހޯދުމުގެ ނަމުގައި ހިންގާފައިވާ އޮޅުވާލުންތަކެވެ. މިފަދަ 11 މައްސަލައެއް (26.19 އިންސައްތަ) ވަނީ ހުށަހަޅާފައެވެ.
މީގެ އިތުރުން، ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގި 8 މައްސަލައަކާއި، އެހެން މީހަކަށް ހެދިގެން އޮޅުވާލައިގެން ފައިސާ ހޯދުމުގެ 3 މައްސަލައެއްގެ އިތުރުން އެހެނިހެން ގޮތްގޮތުން ހިންގާފައިވާ 5 މައްސަލައެއް ވެސް މި މުއްދަތުގައި ރިޕޯޓުކޮށްފައިވެއެވެ.
ރައްކާތެރިވުމަށް ފުލުހުންގެ އިލްތިމާސް
ފުލުހުން ވިދާޅުވީ “ބުކިންތައް ކެންސަލްކޮށް ރިފަންޑް ހޯދުމުގެ ނަމުގައި ހިންގާ ސްކޭމްތައް މިހާރަކަށް އައިސް އިތުރުވަމުންދާތީ، އެކަމަށް އާންމު ރައްޔިތުން ސަމާލުވުމަށް އިލްތިމާސްކުރާ” ކަމަށެވެ. މިފަދަ ސްކޭމްތަކުގައި ސައްހަ ނޫން ސްލިޕް ފޮނުވައިގެން ފައިސާ އަނބުރާ ހޯދުމަށް އެދޭތީ، އެއްވެސް ފަރާތަކަށް ފައިސާ ފޮނުވުމުގެ ކުރިން އަމިއްލަ އެކައުންޓަށް ފައިސާ ޖަމާވިކަން ކަށަވަރުކުރުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ.
އޮންލައިންކޮށް ވިޔަފާރިކުރުމުގައި ‘ކޭޝް އޮން ޑެލިވަރީ’ އުސޫލަށް އިސްކަންދިނުމަށާއި، ބޭރު ފައިސާ މާރުކުރުމުގައި ރަސްމީ ބޭންކުތަކާއި ހުއްދަ އޮންނަ މަނީ އެކްސްޗޭންޖްތައް ބޭނުންކުރުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި ގާތް މީހެއްގެ ނަމުގައި ފައިސާއަށް އެދި މެސެޖެއް ލިބުނު ކަމުގައި ވިޔަސް، ފައިސާ ފޮނުވުމުގެ ކުރިން އެ މީހަކަށް ގުޅައި ސައްހަކަން ޔަގީންކުރުމަކީ މުހިންމު ކަމެއް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.




