ލާމު އަތޮޅުގެ ފުރަތަމަ ކެރަމް ހޯލް މާވަށުގައި
Laamu atholhuge furathamah carrom hall maavashugai

ލާމު އަތޮޅު މަވަށުގައި ކެރަމްގެ ކުޅިވަރު ކުރިއަރުވައި، ފަންނީ ފެންވަރެއްގައި މި ކުޅިވަރު އާލާކުރުމަށްޓަކައި މަވަށު ކެރަމް ކްލަބްގެ ފަރާތުން ޚާއްސަ ހޯލެއް ރަސްމީކޮށް ހުޅުވައިފިއެވެ. 2026 އޮގަސްޓް 2 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މި ހޯލް ހުޅުވައިދެއްވީ މަވަށު ކައުންސިލްގެ ރައީސް އަޙްމަދު މޫސާ އާއި ކެރަމް ކުޅިވަރަށް ޚާއްސަ އަހަންމިއްޔަތުކަމެއް ދެއްވާ ފަރާތެއް ކަމަށްވާ ޢަބްދުﷲ ޙަމީދެވެ.
މަވަށުގައި ކެރަމް ކުޅޭތާ 25 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، މީގެ ކުރިން މި ކުޅިވަރު ކުޅެމުން އައީ އެކަށީގެންވާ ވަސީލަތްތަކެއް ނެތް ތަންތަނުގައެވެ. ނަމަވެސް މިހާރު ހުޅުވުނު ޒަމާނީ ވަސީލަތްތަކާއެކު ހިމެނޭ އޭސީ ހޯލާއެކު، މަވަށާއި މުޅި އަތޮޅުގައިވެސް މި ކުޅިވަރު ދިރުވައި، ޤައުމީ ފެންވަރުގެ ކުޅުންތެރިން އުފެއްދުމަކީ މި ކްލަބްގެ މައިގަނޑު މަޤްޞަދެވެ.
ކެރަމް ކްލަބުން ފާހަގަކުރާ ގޮތުގައި، ކެރަމްއަކީ ހަމައެކަނި ރޯދަމަސް ފަދަ ދުވަސްވަރު ވަގުތު ހޭދަކޮށްލުމަށް ކުޅޭ ކުޅިވަރެއްގެ ގޮތުގައި އޮތް އޮތުމަކީ މި ކުޅިވަރު ޕްރޮފެޝަނަލް ފެންވަރުގައި ކުރިއަރަން އޮތް ހުރަހެކެވެ. “ޕްރޮފެޝަނަލް ކެރަމްއަކީ ވަރަށް ބޮޑަށް ސިކުނޑި ބޭނުންކޮށްގެން، އެތައް ހާސް ޓްރިކްތަކަކާއި ޑިފެންސިވް އަދި އޮފެންސިވް ގޭމްތަކެއް ކުޅެވޭ، ވަކި ގަވާއިދުތަކެއްގެ ދަށުން ކުޅެވޭ ސްޓޭންޑަޑް ކުޅިވަރެއް،” ކަމަށް އެ ކްލަބުން ބުނެއެވެ.

މަވަށު ކެރަމް ކްލަބްގެ ކުރިމަގުގެ ރޭވުންތަކުގެ ތެރޭގައި އެކަޑަމީއެއްގެ ގޮތުގައި ހިންގައި، ތަފާތު އުމުރުފުރާތަކަށް ސެޝަންތައް ކުރިއަށް ގެންދިއުން ހިމެނެއެވެ. މީގެ އިތުރުން ސްކޫލްތަކާ ގުޅިގެން ދަރިވަރުން މި ކުޅިވަރަށް އަހުލުވެރިކުރުވުމާއި، ރާއްޖޭގައި ބާއްވާ އިންޓަރ އޮފީސް މުބާރާތްތަކުގައި މަވަށާއި އަތޮޅުގެ ކުޅުންތެރިން ބައިވެރިކުރުވުމަކީވެސް އެ ކްލަބްގެ އަމާޒެކެވެ.
ރާއްޖޭގެ ކެރަމް އެސޯސިއޭޝަނުން ސްކޫލްތަކާއި ކައުންސިލްތަކާ ގުޅިގެން ރަށްރަށުގައި މި ކުޅިވަރު ކުރިއަރުވަން މަސައްކަތް ނުކުރުމަކީ މި ކުޅިވަރު އާލާނުވެ އޮތް ސަބަބެއްގެ ގޮތުގައި އެ ކްލަބުން ދެކެއެވެ. ރާއްޖޭގައި ކެރަމްގެ ޚާއްސަ އެސޯސިއޭޝަނެއް އޮންނައިރު، 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު ކެރަމް ވޯލްޑް ކަޕް ރާއްޖޭގައި ވަނީ ބާއްވައިފައެވެ.




