ބޭސް ރައްކާކުރާ ގުދަންތައް އަތޮޅުތަކަށް ފުޅާކުރަނީ
Beys rahkkakuraa gudhanthah atholhuthakah fulhaakuranee

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބޭސް ރައްކާކޮށްފައި ބަހައްޓާނެ ގުދަންތައް ތަރައްޤީކުރުމުގެ ވިސްނުން ގެންގުޅުއްވާކަމަށް ސްޓޭޓް ފާމަސޫޓިކަލްސްގެ މެނޭޖިން ޑިރެކްޓަރ ޑރ. ޝާހް މާހިރު ވިދާޅުވެއްޖެއެވެ. ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ “އަހާށޭ ބުނާން” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑރ. ޝާހް ވިދާޅުވީ، ލޮޖިސްޓިކް ކަންކަން ރަނގަޅުކުރުމަށްޓަކައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބޭހުގެ ގުދަންތައް ތަރައްޤީކުރުމުގެ ވިސްނުން އެބަހުރި ކަމަށެވެ.
ޑރ. ޝާހް ވިދާޅުވީ އެސްޓީއޯއިން ރާއްޖެއަށް ބޭސް އެތެރެކޮށް އެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރި މަސައްކަތުގެ ތެރެއިން، އޭރު ރާއްޖޭގެ 3 ސަރަޙައްދެއްގައި ބޭހުގެ ގުދަންތައް ތަރައްޤީކުރުމަށް ނިންމާފައި އޮތް ކަމަށެވެ. މިހާރު ރާއްޖެއަށް ބޭސް އެތެރެކުރުމުގެ މަސައްކަތް ސްޓޭޓް ފާމާއާ ހަވާލުކޮށްފައި އޮތުމުން، ކުރިން އެސްޓީއޯގެ ބޭހުގެ މައި ގުދަން އެ ކުންފުނީގެ ދަށަށް ބަދަލުކޮށްފައިވާ ކަމަށާއި، އިތުރު ގުދަންތައްވެސް އެ ކުންފުނިން ބަލަހައްޓަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
މިވަގުތު މަސައްކަތްތައް ކުރަމުންދަނީ މައި ގުދަނުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޭސް ފޮނުވުމަށް ކަމަށް ޑރ. ޝާހް ވިދާޅުވިއެވެ. “އެ މަސައްކަތް ކުރަމުން މިދަނީ. އަދި މި މަސައްކަތް ކުންފުންޏާ ބަދަލުވިފަހުން ޕްލޭނިން ސްޓޭޖްގައި އުޅެނީ،” ޑރ. ޝާހް މާހިރު ވިދާޅުވިއެވެ. ބޭސް ރައްކާކޮށްފައި ބަހައްޓާނެ ގުދަންތައް ތަރައްޤީ ކުރުމުގެ އިތުރުން ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައިވެސް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.
ބޭސް ގެނައުމުގައި އެ ބޭސް ގެންނަ ތަނާއި ބޭހުގެ ކޮލިޓީއަށް ބަލާއިރު، އެތަކެއްޗަކީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ މިންގަނޑާ އެއްގޮތަށް އުފައްދާފައިވާ ބޭސްތަކެއްކަން ކުންފުނިން ކަށަވަރުކުރެއެވެ. ފެންވަރު ރަނގަޅު ބޭސް ރާއްޖެއަށް ގެނައުމަށް ކުރާ މަސައްކަތުގެ ތެރެއިން، އިތުރު ބޭސްތައް ރާއްޖެއަށް ގެނައުމަށް ބޭސް ކުންފުނިން ވަނީ ރަޖިސްޓަރކޮށް، ބޭސް އުފައްދާ އިތުރު ކުންފުނިތަކާއެކު މަސައްކަތްތައް ފަށާފައެވެ.
މީގެ އިތުރުން ރާއްޖެއަށް އެެތެރެކުރާ ބޭހާއި ސްޓޮކުގައި ހުންނަ ބޭސް ދެނެގަތުމަށްޓަކައި ޚާއްސަ ޑިޖިޓަލް ސިސްޓަމްތައް ތަރައްޤީކުރުމުގެ މަސައްކަތްވެސް ސްޓޭޓް ފާމާއިން ދަނީ ކުރަމުންނެވެ. އެގޮތުން ޒަމާނީ ސިސްޓަމް ތަރައްޤީކުރުމުގެ ފުރަތަމަ މަރުހަލާގެ މަސައްކަތް ނިންމާފައިވާއިރު، ދެވަނަ މަރުހަލާގެ މަސައްކަތްތައްވެސް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ނިންމުމަށް ދަނީ މަސައްކަތްކުރަމުންނެވެ. މީގެ ސަބަބުން ބޭސް ހުރި ތަންތަން ފަސޭހައިން އެނގި، ބޭސް ފޯރުކޮށްދިނުމުގައި ބޮޑެތި ލުއިތަކެއް ލިބޭނެ ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.




