މޫސުން އަލިވާނެ ދުވަހެއް ނޭނގެ، ކުރިއަށް އޮތް ހަފްތާގައި ވެސް ވިއްސާރަ: މެޓް
Moosun alivaane dhuvaheh neyge, kuriah oiy hafthaagaivess vihssara: MET

ރާއްޖޭގެ މޫސުން އަލިވާނެ ދުވަހެއް އަދި ލަފާކުރަން ނޭނގޭ ކަމަށާއި، ކުރިއަށް އޮތް ހަފްތާގައި ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން މިއަދު ހާމަކޮށްފިއެވެ.
މެޓް އޮފީހުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ، މި ހަފްތާގެ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށެވެ. ޚާއްސަކޮށް މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މެޓްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ހަފުތާގައި ވެސް މެދުރާއްޖެތެރޭގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހުމާއެކު އެ ސަރަހައްދުގެ ކަނޑުތައް ވެސް ގަދަވާނެއެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ވެސް މޫސުން އެންމެ ގޯސްވާނީ މެދުރާއްޖެތެރެއަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އުތުރުގެ އަތޮޅުތަކުގެ މޫސުމަށް ބަލާއިރު، އެ ސަރަހައްދަށް ވެސް ކެރީގެ އަސަރުކުރާނެ ކަމަށް ލަފާކުރެވެއެވެ. ވިލާގަނޑުގައި ވައިގަދަވެ، ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.
ކުރިއަށް އޮތް 24 ގަޑިއިރުގެ ވައިގެ ބާރުމިނަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. ރާޅުގެ އުސްމިން ދެކުނުގައި 2 ފޫޓާއި 4 ފޫޓާ ދެމެދުގައި ހުރި ނަމަވެސް، އުތުރާއި މެދުރާއްޖެތެރޭގައި ރާޅުގެ އުސްމިން 3 ފޫޓާއި 6 ފޫޓާ ދެމެދަށް އުފުލޭނެ ކަމަށް ލަފާކުރެވެއެވެ.




