އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ ފޮރިންގ މިނިސްޓަރު ޝާހިދު ވާދަކުރައްވަނީ

MDPge riyaasee primarygai kureege foreign minister shaahidh vaadhakurahvanee

އިދިކޮޅު އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނެވި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައިފިއެވެ. މި ނިންމެވުމާއެކު ޝާހިދު ވަނީ އެމްޑީޕީގެ ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

އައްޑޫ ސިޓީގައި ރޭ ބޭއްވި ހާއްސަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަނެ، ތެދުވެރި ސަރުކާރެއް ގާއިމުކުރެވޭނީ އެމްޑީޕީއަށް ކަމަށެވެ. އަދި ގައުމަށް ބޭނުންވަނީ ތަޖުރިބާކާރު އަދި ގާބިލު ޓީމެއް ކަމަށާއި، ޕާޓީގެ އާންމު މެންބަރުންނަށްޓަކައި ވެވަޑައިގަންނަވަން ޖެހުނު ކޮންމެ ގުރުބާނީއެއް ވުމަށް ތައްޔާރަށް ހުންނެވި ކަމަށް އޭނާ ވިދާޅުވިއެވެ.

“2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކުރުމުގެ މަތިވެރި އަޒުމުގައި މާތްﷲގެ ހަޒްރަތުން ވާގިފުޅަށް އެދިހުރެ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން އަޅުގަނޑު ނިންމައި އެކަން އިއުލާނުކުރަން،” ޝާހިދު ވިދާޅުވިއެވެ.

ޕާޓީގެ ރައީސްކަމުން އިސްތިއުފާ ދެއްވި ސަބަބާ ގުޅޭގޮތުން ޝާހިދު ވިދާޅުވީ، އެމްޑީޕީއަކީ ޑިމޮކްރެޓިކް އުސޫލުތަކަށް އިސްކަންދޭ ޕާޓީއަކަށް ވާއިރު، ޕާޓީގެ އިސް މަގާމެއްގައި ހުރެގެން ޕްރައިމަރީގައި ވާދަކުރުމަކީ އިންސާފުވެރި ގޮތެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އޭނާގެ އަމާޒަކީ ޕާޓީގެ އެތެރޭގައި ހަމަހަމަކަން ގާއިމުކޮށް، ހުރިހާ ފިކުރެއްގެ މެންބަރުން ގޮވައިގެން ކުރިއަށް ދިއުން ކަމަށްވެސް ފާހަގަކުރެއްވިއެވެ.

މި ޖަލްސާގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ގާތް ގުޅުމެއް ބާއްވާ ގިނަ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. އޭގެ ތެރޭގައި ރީކޯ މޫސާ މަނިކާއި، ހުސައިން ޝަހީމް (އަނދުން ހުސައިން)، ތުޅާދޫ ދާއިރާގެ ކުރީގެ މެންބަރު ހިސާން ހުސައިން އަދި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހީމް ނާޒިލް ހިމެނިވަޑައިގަންނަވައެވެ.

ޝާހިދުގެ އިތުރުން، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވެސް ވަނީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި މަގާމުން އިސްތިއުފާ ދެއްވާފައެވެ. މީގެ އިތުރުން ކުރީގެ ރައީސް ޞާލިޙު ވެސް ޕްރައިމަރީގައި ވާދަކުރެއްވުމަށް ނިންމަވާފައިވެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments