އެމްއެމްއޭގެ ރޭޓާ ޚިލާފަށް ޑޮލަރު ވިއްކުމާއި އިޝްތިހާރުކުރުން ކުށެއް ކަމަށް ކަނޑައަޅަނީ

MMAge rate khilaafah dollar vihkumaai isthihaarukurun kusheh kamah kanda alhanee

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާ ރޭޓާ ޚިލާފަށް ޑޮލަރު ވިއްކުމާއި އިޝްތިހާރު ކުރުމަކީ ކުށެއް ކަމަށް ކަނޑައަޅައި، އެކަމުގެ އަދަބުތައް ބޭރުފައިސާއާ ބެހޭ ޤާނޫނަށް ގެންނަ އިސްލާޙުގެ ތެރޭގައި ހިމެނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.

އެ ކޮމިޓީން މިގޮތަށް ފާސްކުރީ، ސަރުކާރުގެ ފަރާތުން ބޭރުފައިސާއިން ލިބޭ އާމްދަނީ މާރުކުރަންޖެހޭ މިންގަނޑު އިސްލާޙު ކުރުމަށް ހުށަހެޅި ބިލު އަލުން ދިރާސާކުރުމަށްފަހު، ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ބޭރުފައިސާގެ އާމްދަނީ ބޭންކުތަކަށް ޖަމާކުރުމާއި މާރުކުރުން

ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، ބޭރުފައިސާގެ އާމްދަނީ ބޭންކު އެކައުންޓަކަށް ޖަމާކުރުން ލާޒިމުވާނީ ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ އަދި ޚިދުމަތްދޭ ފަރާތްތަކުގެ އިތުރުން، އެހެން ފަރާތަކުން ވިއްކާ ނުވަތަ ދޭ މުދަލާއި ޚިދުމަތަށް ފާއިތުވި މީލާދީ އަހަރެއްގެ ތެރޭގައި ބޭރުފައިސާއިން މަދުވެގެން 25 މިލިޔަން އެމެރިކާ ޑޮލަރަށް ނިސްބަތްވާ އަދަދެއް ލިބޭ ފަރާތްތަކަށެވެ. މި ފައިސާ ޖަމާކުރަންވާނީ އެމްއެމްއޭއިން ލައިސަންސް ލިބިގެން ހިންގާ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށް ކަމަށާއި، އެ އެކައުންޓުގެ މައުލޫމާތު އެމްއެމްއޭއާ ހިއްސާކުރަންޖެހެއެވެ. އަދި ކެޓަގަރީ-އޭގައި ހިމެނޭ ޓޫރިޒަމް އެސްޓަބްލިޝްމަންޓުތަކުން މަހެއްގެ ތެރޭގައި ލިބޭ ބޭރުފައިސާގެ ޖުމްލަ އާމްދަނީގެ %20 ދިވެހި ރުފިޔާއަށް މާރުކުރަންޖެހޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

ކަނޑައަޅާފައިވާ ރޭޓާ ޚިލާފަށް ވިއްކުމުގެ އަދަބު

މި ބިލަށް ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙު ހުށަހެޅުއްވި އިސްލާޙުތަކުގައި ވާގޮތުން، ބޭރުފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ކުރަންވާނީ އެމްއެމްއޭއިން ކަނޑައަޅައި އާންމުކޮށްފައިވާ ރޭޓުތައް ނުވަތަ ބޭންޑުތަކަށްވުރެ މަތިނުވާ ގޮތަށެވެ. އެ ރޭޓާ ޚިލާފަށް ބޭރުފައިސާ ވިއްކުމަކީ ނުވަތަ ވިއްކަން މަސައްކަތް ކުރުމަކީ ކުށެކެވެ. މިފަދަ އަމަލެއް ހިންގައިފިނަމަ، ކުށުގެ ކުޑަބޮޑުމިނަށް ބަލައި 25،000 ރުފިޔާއާއި 1 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

އިޝްތިހާރުކުރުމާއި ޤާނޫނީ ޝަޚުސުތަކަށް ކަނޑައެޅޭ އަދަބު

އެމްއެމްއޭގެ ރަސްމީ ރޭޓަށްވުރެ މަތީ ރޭޓެއްގައި ނުވަތަ ކަނޑައަޅާފައިވާ ބޭންޑުގެ ބޭރުން ބޭރުފައިސާ ގަނެވިއްކުމާ ގުޅޭ ރޭޓެއް އިސްތިހާރު ކުރުމާއި ޕްރޮމޯޓް ކުރުމަކީވެސް ކުށެއް ކަމަށް ވަނީ ކަނޑައަޅާފައެވެ. އިސްތިހާރު ކުރުމާއި ޕްރޮމޯޓް ކުރުން ކަމަށް ބަލަނީ ޑިޖިޓަލް ވަސީލަތްތަކުން ނުވަތަ އެހެން ގޮތަކުންވެސް އެފަދަ މައުލޫމާތު އާންމުކޮށް ޝާއިއުކުރުމާއި ފެތުރުމެވެ. މި ކުށުގެ އަދަބަކީ 25،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެކެވެ.

މީގެއިތުރުން، އެމްއެމްއޭއިން ކަނޑައަޅާ ރޭޓާ ޚިލާފަށް ބޭރުފައިސާ ގަނެވިއްކުމާއި އިޝްތިހާރު ކުރުމުގައި އެއްވެސް ޤާނޫނީ ޝަޚުސެއް ޝާމިލުވާނަމަ، އެ ފަރާތެއް 100،000 ރުފިޔާއާއި 5 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް މާލިއްޔަތު ކޮމިޓީން ފާސްކުރި އިސްލާޙުގައި ބަޔާންކޮށްފައިވެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments