އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކުހުގެ ގޮތުގައި 2.4 ބިލިޔަން ރުފިޔާ ލިބިއްޖެ
Airport development fee aai departure takuhuge gothugai 2.4 billion rufiyya libihjje

މިއަހަރުގެ ފުރަތަމަ 7 މަސްދުވަހުގެ ތެރޭގައި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކުހުގެ ގޮތުގައި ދައުލަތަށް 2.4 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 14.4 އިންސައްތައިގެ އިތުރުވުމެކެވެ.
ރާއްޖޭގެ އެއަރޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން މައިގަނޑު ދެ ބާވަތެއްގެ ޓެކްސް އަދި ފީއެއް ނަގަމުންދެއެވެ. އެއީ ޑިޕާޗަރ ޓެކްސްގެ އިތުރުން އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ (އޭޑީއެފް) އެވެ. މީރާއިން އާންމުކޮށްފައިވާ ރިޕޯޓަށް ބަލާއިރު، މިދިޔަ އަހަރުގެ ފުރަތަމަ 7 މަސްދުވަހު މި ދެ ބައިން ލިބިފައިވަނީ 2.1 ބިލިޔަން ރުފިޔާއެވެ.
ޑިޕާޗަރ ޓެކްސް އަދި އޭޑީއެފް އާމްދަނީ
ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ ފުރަތަމަ 7 މަސްދުވަހު ޑިޕާޗަރ ޓެކުހުގެ ގޮތުގައި އެކަނިވެސް 1.2 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޑިޕާޗަރ ޓެކުހުގެ ގޮތުގައި ލިބިފައިވަނީ 1 ބިލިޔަން ރުފިޔާ ކަމަށްވުމުން، މިއީ 14.5 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެއިތުރުން، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައިވެސް މިއަހަރުގެ ފުރަތަމަ 7 މަސްދުވަހު ވަނީ 1.2 ބިލިޔަން ރުފިޔާ ލިބިފައެވެ. ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި 1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ 14.4 އިންސައްތައިގެ އިތުރުވުމެކެވެ.
ޓެކްސް ނަގަން ފެށުމާއި އިސްތިސްނާވާ ހާލަތްތައް
ރާއްޖޭގައި ޑިޕާޗަރ ޓެކްސް ނަގަން ފަށާފައިވަނީ 1 ޖަނަވަރީ 2022 އިން ފެށިގެންނެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ނަގާ އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ނަގަން ފަށާފައިވަނީ 1 މޭ 2017 ގައެވެ.
މި ޓެކުހާއި ފީ ނެގުމުގައި ބައެއް ފަރާތްތައް ވަނީ އިސްތިސްނާކޮށްފައެވެ. އެގޮތުން، ޑިޕާޗަރ ޓެކުހުން އިސްތިސްނާވަނީ ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންގެ އިތުރުން އުމުރުން ދެ އަހަރު ފުރިހަމަނުވާ ކުޑަކުދިންނެވެ. ހަމައެހެންމެ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީން އިސްތިސްނާވަނީ ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންގެ ތެރެއިން ޑައިރެކްޓް ޓްރާންސިޓް ފަސިންޖަރުންނެވެ.




