އިންފޮމޭޝަން ކޮމިޝަނަރަކަށް ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރުގެ ނަން މަޖިލީހަށް ފޮނުއްވައިފި
Information commisioner akah Abdulazeez Jamaal Abubakuruge nan majileehah fonuhvaifi

އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރުގެ ނަންފުޅު އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ޢައްޔަންކުރުމަށް ފޮނުއްވާފައިވަނީ، މިހާރުގެ އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދުގެ މަޤާމުގެ ދައުރު އަންނަ މަހަށް ހަމަވާތީއެވެ. އެ މަޤާމަށް ޢަބްދުލްޢަޒީޒު ޢައްޔަންކުރެއްވުމާ މެދު ރައްޔިތުންގެ މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއް ނިންމެވުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޮނުއްވި ސިޓީފުޅު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވަވާފައެވެ. އަދި އެ މައްސަލަ އިތުރަށް ދިރާސާކުރުމަށްޓަކައި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.
ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނު އުފެދުމަށް ފަހު، އެންމެ ފުރަތަމަ އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ޢައްޔަންކުރެއްވި ބޭފުޅާއެވެ. އޭނާ އެ މަޤާމަށް އެންމެ ފުރަތަމަ ޢައްޔަންކުރެއްވީ 22 ޖުލައި 2014 ގައެވެ. އަދި 22 ޖުލައި 2019 އާ ހަމައަށް އޭނާ އެ މަޤާމުގައި ޚިދުމަތް ކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަންވެސް ކުރިން އަދާކުރައްވާފައިވާ ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރަކީ ދިވެހި ބަހުގެ ދާއިރާއިންވެސް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ މިވަގުތު ހުންނެވީ މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް (ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާ) ގެ ސްޓޭޓް މިނިސްޓަރެއްގެ މަޤާމުގައެވެ.
މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް އުފައްދަވާފައިވަނީ 13 ޖުލައި 2014 ގައެވެ. އިންފޮމޭޝަން ކޮމިޝަނަރަކީ އެ ޤާނޫނުންނާއި ކަމާބެހޭ އެހެނިހެން ޤާނޫނުތަކާއި ގަވާއިދުތަކުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރެއްވުމުގައި ސީދާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާންޖެހޭ މިނިވަން ބޭފުޅެކެވެ.




