ހޮރައިޒަންއާއި ގުޅިގެން ގަމުގައި ޤާއިމްކުރި މޯޗަރީ ހުޅުވައިފި

Horizon aai gulhigen Gamugai qaaimkuri mortuary hulhuvaifi

ލ. ގަމުގައި އެ ރަށު ކައުންސިލާއި ހޮރައިޒަން ފިޝަރީޒް އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގުޅިގެން ތަރައްގީކުރި އެއް ޖާގައިގެ މޯޗަރީ މިދިޔަ ބުރާސްފަތި ދުވަހު ރަސްމީކޮށް ހުޅުވައިފިއެވެ.

ގަމު ކައުންސިލްގެ ރައީސް އަފްސަލް ޖައުފަރު ވިދާޅުވީ މޯޗަރީއަށް ބޭނުންވާ މެޝިން ފޯރުކޮށްދިނީ ހޮރައިޒަންއިން ކަމަށެވެ. އަދި މޯޗަރީ ހެދި އިމާރާތުގެ މަރާމާތުގެ ހުރިހާ ހަރަދެއް ކައުންސިލުން ކޮށްފައިވާއިރު، އެ އިމާރާތުގެ އަމަލީ މަސައްކަތްތައް ކުރިއަށްގެންދިޔައީ އާރްޑީސީން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި މޯޗަރީގައި ހުރި މެޝިން އޮޕަރޭޓްކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ގަމު ރީޖަނަލް ހޮސްޕިޓަލުންނެވެ. ނަމަވެސް އެ މެޝިނަށް ދިމާވާ އެކި މައްސަލަތައް ހައްލުކުރުމާއި ކުރަންޖެހޭ މަރާމާތުގެ ހަރަދުތައް ކުރަމުންދާނީ ގަމު ކައުންސިލުންނެވެ.

އަފްސަލް އިތުރަށް ވިދާޅުވީ ގަމުގައި ބިދޭސީއަކު މަރުވެގެން ގައުމަށް ނުފޮނުވިގެން އުޅޭ ހާލަތްތަކުގައި ވެސް މީގެ ކުރިން އެ މީހާ ބާއްވާނެ ތަނެއް ނުހުންނަ ކަމަށެވެ. ނަމަވެސް މި މޯޗަރީ ހުޅުވުމާއެކު، މީގެ ކުރިން މިފަދަ ކަންކަމުގައި ދިމާވި އެތައް ތަކުލީފުތަކަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިވަގުތު މި މޯޗަރީގައި ހުރީ އެންމެ ޖާގައެއް ނަމަވެސް، ކުރިއަށް އޮތް ދުވަސްތަކުގައި ހޮރައިޒަންއާ ގުޅިގެން ޖާގަ އިތުރުކުރުމަށްޓަކައި އިތުރު މެޝިނެއް ބެހެއްޓުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ކައުންސިލުން ވަނީ ހާމަކޮށްފައެވެ. ރާއްޖޭގެ ގިނަ ރަށްރަށުގައި މޯޗަރީ ނުހުންނާތީ، އާންމުކޮށް މަރުވާ މީހުން މިފަދަ ހާލަތްތަކުގައި ގެންދަން ޖެހެނީ މާލޭގައި ހުންނަ މޯޗަރީއަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments