ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރަން ލާޒިމްކޮށްފި
Raajjeygai vazeefaa adhaakuraa bidheyseenge musaara bank account ah jamaakuran laazimkohffi

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރަން ލާޒިމްކޮށް، ގަވައިދަށް މިއަދު އިސްލާހު ގެނެސްފިއެވެ. މި ބަދަލު ގެނެސްފައިވަނީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީންނެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން “ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމުގެ ގަވައިދު” އަށް ގެނައި ތިން އިސްލާހުގައި ބަޔާންކޮށްފައިވަނީ ބިދޭސީންނަށް ވަޒީފާގެ މުސާރަ ދޭންޖެހޭނީ ބޭންކެއްގައި ހުޅުވާފައިވާ އެ މުވައްޒަފެއްގެ އެކައުންޓަށް ކަމަށެވެ. އަދި މި ބަދަލަށް އަމަލުކުރަން ފަށާނީ ގަވައިދު ޝާއިއުކުރާތާ އެއް މަސް ފަހުންނެވެ.
ކުރީގެ ގާނޫނީ އޮނިގަނޑާއި ތަންފީޒުކުރުން
ބިދޭސީންގެ މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރަން ޖެހޭ ގޮތަށް މީގެ ކުރިން 2016 ވަނަ އަހަރު ވެސް ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެނެވުނެވެ. އެ އިސްލާހުގެ ދަށުން ބިދޭސީންގެ މުސާރަ އާއި އިނާޔަތްތައް އެ މީހުންގެ ނަމުގައި ރާއްޖޭގެ ބޭންކެއްގައި ހުޅުވާ އެކައުންޓަކަށް ޖަމާނުކުރާ ނަމަ ވަޒީފާ ދޭ ފަރާތްތައް ޖޫރިމަނާ ކުރުމަށް ވެސް ކަނޑައެޅުނެވެ.
ނަމަވެސް، ސައްހަ ލިޔެކިޔުން ނެތް ގިނަ އަދަދެއްގެ ބިދޭސީން ތިބުމުގެ ސަބަބުން ބޭންކް އެކައުންޓް ހުޅުވުމުގައި ދިމާވި ދަތިތަކާ ހުރެ، ވަކި ހިސާބަކުން އެ ޖޫރިމަނާ ފައިސާ ނެގުން ވަނީ މަޑުޖައްސާލާފައެވެ. އެހެންނަމަވެސް، މިހާރު މި ގަވައިދު އަލުން އިސްލާހުކޮށް މިކަން ލާޒިމްކޮށްފައި މިވަނީ ގިނަ އަދަދެއްގެ ބިދޭސީން ގަވައިދަށް ފެއްތުމަށް ފަހުގައެވެ.
އޭރު ގާނޫނުން މިކަން ލާޒިމްކުރި މައިގަނޑު އެއް ބޭނުމަކީ ބިދޭސީން އަތުން ރެމިޓެންސް ޓެކްސް ނެގުމެވެ. ރެމިޓެންސް ޓެކްސް އަކީ ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން ދައުލަތަށް ނަގާ ޓެކްސްއެކެވެ. އެގޮތުން ކޮންމެ ބިދޭސީއަކު ބޭރަށް ފޮނުވާ ފައިސާގެ ތިން ޕަސެންޓް ރެމިޓެންސް ޓެކްސްގެ ގޮތުގައި ދައުލަތަށް ނެގުމަށް އޭރު ހަމަޖެހިފައިވެއެވެ.




