އެފް.އޭ.އެމްގެ އިހުމާލުން ލާމު އަތޮޅު ފުޓްސަލް މުބާރާތް ދެވަނަ ފަހަރަށް ފަސްވެއްޖެ
FAM ge ihumaalun Laamu atoll futsal mubaaraiy dhevana faharah fasvejje

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ކްލަބް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދާ އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕްގެ ލ.އަތޮޅު މުބާރާތް، އެފްއޭއެމްގެ އިހުމާލުން ދެވަނަ ފަހަރަށް ފަސްކޮށްފިއެވެ.
މި މުބާރާތް އެންމެ ފުރަތަމަ ފެށުމަށް ތާވަލުކުރެވިފައި އޮތީ އިއްޔެ، ސެޕްޓެމްބަރު 3 ވީ ބުރާސްފަތި ދުވަހުގެ ރޭގައެވެ. އެރޭ ކުޅުމަށް ހަމަޖެހިފައި އޮތީ ލ. ގަމާއި ލ. ފޮނަދޫ ބައްދަލުކުރާ ފޯރިގަދަ ފުރަތަމަ މެޗެވެ. ނަމަވެސް، މެޗުތައް އިންސާފުކުރުމަށް ހަމަޖެހިފައިވާ ރެފްރީންނަށް ރިލީޒް ނުލިބޭ ކަމަށް ބުނެ، އިއްޔެ މެންދުރުފަހުގެ ވަގުތެއްގައި އެފް.އޭ.އެމް އިން ވަނީ މުބާރާތް ފެށުން ފަސްކޮށްފައިވާކަން ޓީމުތަކަށް އަންގާފައެވެ.
އެއަށްފަހު، ރޭގެ ވަގުތެއްގައި އެފް.އޭ.އެމް އިން އަނެއްކާވެސް ޓީމުތަކަށް އެންގީ މިއަދު، ސެޕްޓެމްބަރު 4 ވާ ހުކުރު ދުވަހުގެ ރޭ މުބާރާތް ފެށޭނެ ކަމަށެވެ. އެހެންނަމަވެސް، މިއަދު ހެނދުނު އަނެއްކާވެސް ޓީމުތަކަށް އަންގާފައިވަނީ ރެފްރީންނަށް ފްލައިޓުން ޖާގަ ލިބިފައިނުވާތީ މިރޭ ކުޅެން އޮތް މެޗުތައް ވެސް ފަސްކޮށްފައިވާ ކަމަށެވެ. އަދި ދެން އެންމެ އަވަހަށްވެސް މުބާރާތް ފެށޭނީ 6 ސެޕްޓެމްބަރުގައި ކަމަށް އެފް.އޭ.އެމް އިން ވަނީ ބުނެފައެވެ.
މިގޮތަށް ތަކުރާރުކޮށް މުބާރާތް ފަސްކުރަން ޖެހުމާ ގުޅިގެން ޓީމުތަކުންނާއި ސަޕޯޓަރުން ދަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ. އަދި މުބާރާތަށް އޮތް ފޯރި ދަށްވެ، އެފް.އޭ.އެމް އަށް އޮތް އިތުބާރު ކުޑަވެފައިވާކަން ފާހަގަކޮށްލަމެވެ.
މި މުބާރާތުގައި ވާދަކުރުމަށްޓަކައި މާލޭގައި ދިރިއުޅޭ ކުޅުންތެރިން ވަނީ ވަޒީފާއިން ރިލީޒް ހޯދައިގެން، އަމިއްލަ ރަށުގެ ނަން ތަމްސީލުކުރުމަށް ރަށުގެ ޓީމަށް ކުޅެން ރަށަށް ގޮސްފައެވެ. އެފް.އޭ.އެމްގެ މިފަދަ ދޯދިޔާ އިންތިޒާމުތަކުގެ ސަބަބުން ކުޅުންތެރިންނަށާއި ޓީމުތަކަށް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ގެއްލުންތަކެއް ދަނީ ލިބެމުންނެވެ.
މި އަހަރު ބޭއްވި އެފް.އޭ.އެމް އަތޮޅު ފުޓުބޯޅަ މުބާރާތުގައި ވެސް ރެފްރީންގެ މިފަދަ މައްސަލަތަކެއް ދިމާވެ، މެޗުތައް ފަސްކުރަން ޖެހުނުކަން ފާހަގަކޮށްލެވެއެވެ. ތަކުރާރުކޮށް މިފަދަ ކަންކަން ދިމާވަމުން ދާތީ، މުބާރާތްތައް އިންތިޒާމު ކުރުމުގައި އެފް.އޭ.އެމް އިން ޒިންމާދާރުކަން ކުޑަ ގޮތަކަށް އަމަލުކުރަމުންދާ ކަމަށް ބުނެ ކުޅިވަރުގެ ދާއިރާގެ ގިނަ ފަރާތްތަކެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.




