އެމްޑީޕީ ސަރުކާރުން ވިއްކާލި ދިރާގާއި އެމްޑަބްލިއުއެސްސީގެ ހިއްސާ އަނބުރާ ހޯދަނީ

MDP sarukaarun vikkali dhiraagaai Mwscge hihsaa anburaa hoadhanee

އެމްޑީޕީގެ ސަރުކާރުން ވިއްކާލާފައިވާ ދިރާގާއި އެމްޑަބްލިއުއެސްސީގެ ހިއްސާ އަނބުރާ ސަރުކާރަށް ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށް ކުރިއަށްގެންދަން ނިންމަވާފައިވާ ކަންކަމުގެ ތެރޭގައި ދިރާގުގައި އޮންނަ ސަރުކާރުގެ ހިއްސާ 51 އިންސައްތައަށް ބޮޑުކުރުން ހިމެނޭ ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ދިރާގަކީ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮތް ކުންފުންޏަކަށް ވީނަމަވެސް، އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި އެ ކުންފުނީގެ ހިއްސާ ވަނީ ވިއްކާލާފައެވެ.

ރައީސް ވިދާޅުވީ ”އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ދިރާގުގެ ޝެއާ %51 އަށް ބޮޑު ކުރުމަކީ ރައްޔިތުންގެ ލާބައަށްޓަކައި އަދި އިގްތިސާދު ފުޅާ ކުރުމަށްޓަކައި، އަދި ރާއްޖޭގެ އިގްތިސާދު އިތުރަށް ކުރިއަށް ގެންދިއުމަށްޓަކައި ކޮންމެހެން ކުރަން ޖެހޭ ކަމެއް،“ ކަމަށެވެ. އަދި ވިއްކާލި ހިއްސާ އަނބުރާ ހޯދައި، މެޖޯރިޓީ ކޮންޓްރޯލް ސަރުކާރަށް ނެގުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި، އިދާރީ، ގާނޫނީ އަދި މާލީ ކަންކަން ހިމެނޭހެން ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ.

އެމްޑަބްލިއުއެސްސީ 100 ޕަސެންޓް ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ބަދަލުކުރުން

ދިރާގުގެ އިތުރުން، އެމްޑީޕީގެ ސަރުކާރުން ބޭރު ކުންފުންޏަކަށް ވިއްކާލާފައިވާ އެމްޑަބްލިއުއެސްސީގެ 20 އިންސައްތަ ހިއްސާ އަނބުރާ ގަތުމުގެ މަސައްކަތް ވެސް ސަރުކާރުން ފަށާފައިވާކަން ރައީސް ހާމަކުރެއްވިއެވެ. މި ބަދަލާއެކު އެމްޑަބްލިއުއެސްސީ ވެގެންދާނީ ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏަކަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، މިއީ ރައްޔިތުންނަށް ދެވޭ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ނުހަނު މުހިންމު ނިންމުމެއް ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ ވަރަށް އޮމާންކަމާއެކު، ކާމިޔާބުކަމާއެކު މި ދެ މަސައްކަތްވެސް ނިންމާލެވޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted