ދުނިޔޭގައި ތިބީ ދާންއުޅޭ މީހުންނާއި ތިބެންއުޅޭ މީހުން“ – ޝައިޚް އިދްރީސް
Dhuniyegai Thibi Dhaan ulhey meehunnaa Thiben Ulhey meehun Sheikh Idrees

މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް އިދުރީސް ޙުސައިންގެ ޚާއްޞަ ދީނީ ދަރުސެއް ހުޅުދޫގައި ބާއްވައިފިއެވެ. ގިނަ އަދަދެއްގެ އާންމުން ބައިވެރިވި މި ދަރުސުގައި ޝައިޚް ވަނީ ނަމާދަށް ޒީނަތްތެރިވުމުގެ މުހިންމުކަމާއި، ދުނިޔެވީ ޙަޔާތުގެ ޙަޤީޤަތުގެ މައްޗަށް އަސަރުގަދަ ނަޞޭޙަތްތަކެއް ދެއްވާފައެވެ.
ޝައިޚް އިދުރީސް ޙުސައިންގެ ދަރުސުގައި އެންމެ އިސްކަމެއް ދެއްވައި ދެއްކެވި އެއް ވާހަކަފުޅަކީ ނަމާދަށް ހާޒިރުވާއިރު ރީތިކޮށް ޒީނަތްތެރިވެ ބޮލުގައި އެއްޗެއް އެޅުމުގެ މުހިންމުކަމުގެ މައްޗަށެވެ.
ފިރިހެނުން ބޮލުގައި އެއްޗެއް އެޅުމަކީ ފިރިހެނުންގެ ޒީނަތްތެރިކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އިޙްރާމް ބަނދެގެން ހުންނައިރު ބޮލުގައި އެއްޗެއް އެޅުން ފިރިހެނާއަށް ޙަރާމް ކުރައްވާފައިވަނީ، އިޙްރާމުގައި ހުންނައިރު އެއްވެސް ބާވަތެއްގެ ޒީނަތެއް ހުއްދަ ނުވާތީއެވެ. މީގެއިން އެނގެނީ ބޮލުގައި އެއްޗެއް އެޅުމަކީ (ފޮށާ ނުވަތަ ތާކިހާ) ފިރިހެނުންގެ ޒީނަތެއްކަން ސާބިތުވާ ކަމެވެ. މިއަދުގެ ދުނިޔޭގައިވެސް އިސްލާމީ ވަރުގަދަ ޝިޢާރެއްގެ ގޮތުގައި މުޅި ދުނިޔެ ޤަބޫލުކުރާ ކަމަކީ މިއީއެވެ.
ފިލްމުތަކުގައިވެސް އިސްލާމީ ތަސައްވަރެއް ދައްކުވައިދޭން ބޭނުންވާނަމަ، ފެނިގެންދާނީ ތަރުތީބުކުރެވިފައިވާ ތުނބުޅި މަތިމަހާއި ބޮލުގައި އަޅާފައިވާ ރީތި ފޮށާއާއެކު ހަރަކާތްތެރިވާ ފިރިހެނެކެވެ. ބޮޅުގައި ފޮށާ ނުވަތަ ތާކިހާ އެޅުމަކީ އަޅުގަނޑުމެން ދަމަހައްޓަންޖެހޭ ދީނީ ރީތި ޝިއާރެކެވެ.
އަޅުގަނޑުމެންގެ ތެރޭގައި ތިބީ ”ދާންއުޅޭ މީހުންނާއި ތިބެންއުޅޭ މީހުން“ ކަމުގައި ޝައިޚް ވިދާޅުވިއެވެ.
ދުނިޔޭގެ ޙަޔާތުގެ ވަގުތީކަން ސިފަކުރައްވަމުން ޝައިޚް އިދްރީސް ވިދާޅުވީ ދުނިޔޭގައި އުޅެނީ ދެބަޔަކު ކަމަށެވެ. އެއީ ދާންއުޅޭ މީހުން އަދި ތިބެންއުޅޭ މީހުން ކަމުގައެވެ.
ތިބެންއުޅޭ މީހުންގެ ތެރޭގައި ހިމެނެނީ ކޮން ބައެއްތޯ?، އާދެ ދުނިޔޭގައި އަބަދަށް އުޅެވޭނެ ކަމަށް މަސައްކަތްކުރާ މީހުން، ދުނިޔެވީ މުދަލާއި ތަކެތި އެއްކޮށް ފުނިޖެހާނެއެވެ.
ދާންއުޅޭ މީހުންނަކީ ކޮންބައެއްތީ ޝައިޚް ސުވާލު އުފެއްދެވިއެވެ. އާދެ، ދަތުރުމަތީގައި ތިބިކަން ޤަބޫލުކުރާ މީހުން އެއީ އާޚިރަތުގެ ދަތުރަށް ދާއިރު ގެންދެވޭނެ ހެޔޮ ޢަމަލު އިތުރުކޮށް ރައްކާކުރާ މީހުންނެވެ. އެއީ އެކުގައި އުޅޭ އެއްބައިވަންތަ މީހުންނެވެ. އެމީހުން އެކުގައި ނަމާދު ކުރާނެއެވެ. އެމީހުން ގުރޫޕުތަކުގައި ދަތުރުކޮށް އުމުރާ އާއި ހައްޖުގެ އަޅުކަން ފުރިހަމަ ކުރާނެއެވެ.
ޝައިޚްގެ ސުވާލު:
”އަހަރެމެން ތަނަކަށް ދާން އުޅެންޏާ، ދަތުރަށް ނުގެންދެވޭނެ ތަކެތި އެއްކޮށް ފުނިޖެހުމަކީ އިސްރާފާއި ބޭކާރު ވަގުތު ދުއްވާލުން. ތިޔަ އެއްކުރާ މުދަލާއި ރައްކާކުރާ ތަކެތި ހިފައިގެން ކަށަވަރު ދަތުރަށް ދެވޭނެތޯ؟“
އަދުގެ މުޖުތަމަޢުގައި އިންސާނުންގެ ސަމާލުކަން ހުރި ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވައި ޝައިޚް ވަނީ ވަރަށް އަސަރުގަދަ ސުވާލުތަކެއް އުފައްދަވާފައެވެ.
ރަށަކަށް ފައިބާއިރު އަހަރެމެން ހޯދަނީ މިސްކިތް ހުރި ތަނެއް ނޫނެވެ. އޭގެ ބަދަލުގައި އަހަރެމެން ހޯދަނީ ފޯނުގެ ރޭންޖު ލިބޭތޯއާއި، ޗާޖުކުރާނެ ތަނަކާއި، ރީޗާޖު ކުރެވޭނެ ގޮތްތަކެއް ފެނޭތޯއެވެ.
ވަޒީރެއްގެ އެޕޮއިންޓްމަންޓެއް ލިބިއްޖެނަމަ، އެންމެ ރީތިކޮށް ޒީނަތްތެރިވެގެން، ބޮޑާކަމާއި ޝަރަފުވެރިކަމާއެކު އެތައް ގަޑިއިރަކު އިންތިޒާރުގައި ތިބެއެވެ. ނަމަވެސް، ދުވާލަކު 5 ފަހަރު ރައްބުލްޢާލަމީންގެ ދަރުބާރަށް ހާޒިރުވެ، ފަލާޙާއި ކާމިޔާބު ލިބިގަތުމަށް އޮތް އެޕޮއިންޓްމަންޓަށް ހާޒިރުނުވާން ދައްކަނީ ކޮން އުޒުރެއްތޯ ޝައިޚް ސުވާލު ކުރެއްވިއެވެ.
ދީނީ ނަޞޭޙަތް ނިންމަވާލައްވަމުން ޝައިޚް އިދުރީސް ޙުސައިން ވިދާޅުވީ، ޒަމާނާއެކު ދިވެހިންގެ އުޅުން ބަދަލުވެފައިވީ ނަމަވެސް، މުޅި މުޖުތަމަޢު އިޞްލާޙުކުރުމަށްޓަކައި އެންމެން އެކުވެގެން ކުރަންޖެހޭ ކަމަކީ ވަރަށް ފަސޭހަ ކަމެއް ކަމަށެވެ.
އެންމެން އެކުވެގެން މުޅި މުޖުތަމައު އެއްކޮށް ތެދުވެ ކުރަންވީ ކަމަކީ އުމުރުން 7 އަހަރު ފުރިފައިވާ ފިރިހެން ކުދިން ހިމެނޭހެން އެންމެން ނަމާދުގެ ވަގުތުގައި މިސްކިތަށް ދިއުމެވެ.
އަޅުގަނޑުމެންގެ ޢަމަލުތައް ދީނާ ދުރުވަމުންދާ މި ޒަމާނުގައި، ނަމާދަށް ޒީނަތްތެރިވުމަކީ ޤުރްއާނާއި ސުންނަތުން ސާބިތުވާ ވަރަށް މުހިންމު އަޅުކަމެކެވެ.
ކީރިތި ޤުރްއާނުގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿يَا بَنِي آدَمَ خُذُوا زِينَتَكُمْ عِنْدَ كُلِّ مَسْجِدٍ﴾ (سورة الأعراف: 31)
މާނައީ: ”އޭ އާދަމުގެ ދަރިންނޭވެ! ކޮންމެ މިސްކިތެއްގެ ކައިރީގައިމެ (އެބަހީ: ކޮންމެ ނަމާދެއްގެ ވަގުތުގައެ) ތިޔަބައިމީހުންގެ ޒީނަތްތެރިކަން (ނިވާކަމާއި ރީތި އުނުއަންނައުނު) ހިފާށެވެ.“
ކީރިތި ރަސޫލާ ﷺ ގެ ސުންނަތް:
1. ނަމާދަށްދާއިރު ދަތްއުނގުޅުމާއި (ސުވާކު ކުރުން) އަދި މީރުވަސްދުވާ އަތަރު ބޭނުންކުރުމަކީ ރަސޫލާ ﷺ އިސްކަންދެއްވި ކަންކަމެވެ.
2. ނަމާދަށް ހުންނައިރު ނިވާކަންފުރިހަމަ، ސާފު، އަދި ޤަދަރުވެރި ހެދުމެއް އެޅުމަކީ ﷲ ދެއްވި ނިޢުމަތުގެ އަސަރު ފާޅުކުރުމުގެ ތެރެއިންވާ ކަމެކެވެ.
3. ދުނިޔޭގެ ވެރިއެއްގެ ކުރިމައްޗަށް ދާއިރު އެންމެ ރީތި ހެދުން އަޅާފަދައިން، ކާއިނާތުގެ ވެރި އިލާހުގެ ދަރުބާރަށް ހާޒިރުވާއިރު އެއަށްވުރެ މާ ބޮޑަށް ޒީނަތްތެރިވެ ޙުރުމަތްތެރިކޮށް ހިތާންޖެހެއެވެ.
ނަމާދަށް ފުރިހަމައަށް ޒީނަތްތެރިވެ، ސުންނަތާ އެއްގޮތަށް މިސްކިތަށްދާ މީހާގެ ކޮންމެ ފިޔަވަޅަކަށް ގުނޭ ހެޔޮކަމާއި، ފާފަފުއްސެވުން އިތުރުވެގެންދެއެވެ. އަދި މިސްކިތުގެ ޙުރުމަތް ހިފެހެއްޓުމަކީ ހިތުގެ ތަޤުވާވެރިކަން ބަޔާންކޮށްދޭ ކަމެކެވެ.
ދިވެހިންގެ މި މުޖުތަމަޢު ބަންގިއަށް އިޖާބަ ދިނުން ނެތިގެންދާކަން ފާހަގަ ކުރައްވަމުން، އިސްލާމީ މިމަތިވެރި ޝިޢާރަށް އިޖާބަ ދިނުމަކީ ކޮބާކަން ޝޭޚް އިދުރީސް ތިލަކޮށް އެންމެ ތުއްތު ދަރިވަރުންނަށްވެސް ބުނެދެއްވާ ފަދައި ބުނެ ދެއްވިއެވެ.
ބަންގިއަށް އިޖާބަދިނުމުގެ މާނައަކީ ބަންގިގޮވާ އަޑުއިވުމުން، ބަންގީގައި ކިޔާ ކަލިމަތައް އޭނާއާ އެކު ކިޔައި، ބަންގި ނިމުމުން ކިޔަންވާ ދުޢާ ކިޔައި، އަދި އަވަސްވެގަނެގެން ނަމާދަށް ހާޒިރުވުމެވެ. ޙައްޔަ ޢަލައްޞަލާ އަދި ޙައްޔަ ޢަލަލްފަލާޙް ކިޔުމުން މިއިން ކޮންމެ ފަހަރަކު ، ލާ ޙައުލަ ވަލާ ޤުއްވަތަ އިއްލާ ބިއްލާހި (لا حول ولا قوة إلا بالله) މިފަދައިން ކިޔުމާއި
ފަތިސް ނަމާދުގެ ބަންގީގައި ”އައްޞަލާތު ޚައިރުން މިނަންނައުމް“ ކިޔުމުން މުއައްޛިން ކީ ފަދައިން އައްޞަލާތު ޚައިރުން މިނަންނައުމް މިފަދައިން ކިޔުން. އަދި ބަންގި ނިމުމުން ދުޢާކުރުމެވެ. އަދި ނަމާދަށް އަވަސް ވެގަތުމެވެ.
ބަންގިއަށް އިޖާބަދީ، އިޚްލާޞްތެރިކަމާއެކު ދުޢާކުރާ މީހާގެ ފާފަތައް ފުއްސަވައި، ސުވަރުގެ ވަނުމުގެ މަގު ފަހިވެގެންދެއެވެ. ބަންގީގެ ފަހުން ކިޔާ ދުޢާ ކިޔައިފި މީހާއަށް ޤިޔާމަތް ދުވަހުން ރަސޫލާ ﷺ ގެ ޝަފާޢަތްތެރިކަން ޙައްޤުވާނެ ކަމަށް ޙަދީޘްފުޅުގައިވެއެވެ.
ފިރިހެނުންގެ މައްޗަށް އޮތް އެންމެ ބޮޑު އިޖާބައަކީ، ބަންގީގެ އަޑުއިވުމާއެކު ދުނިޔެވީ މަސައްކަތްތައް ހުއްޓާލައި، ޖަމާޢަތުގައި ނަމާދުކުރުމަށްޓަކައި މިސްކިތަށް ދިއުމެވެ.




