ފޯރިގަދަ ކުޅުމަކަށްފަހު އިސްދޫން ފަހަތުން އަރައި ގަމާ އެއްވަރުކޮށްފި
FoariGadha Kulhumakahfahu Isdhoon Fahathun Arai Gamaai Evvarukohfi

އެފްއޭއެމް ފުޓްސަލް މުބާރާތުގައި ވާދަވެރި އަދި ފޯރިގަދަ ކުޅުމަކަށްފަހު ލ. ގަމާއި އިސްދޫ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
މެޗުގެ ފުރަތަމަ ހާފު ފެށިގެން ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި، ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ގަމު ޓީމުންނެވެ. މި ލަނޑަކީ ލިބުނު ޕެނަލްޓީއަކުން އެ ޓީމުން ކާމިޔާބުކުރި ލަނޑެކެވެ.
ދެވަނަ ހާފަށް ކުޅެން ނުކުމެ ގަމުން ވަނީ އެ ޓީމުގެ ކުޅުން އިތުރަށް ވަރުގަދަކޮށް، އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ނަމަވެސް، ދެ ލަނޑުގެ ފަހަތުގައި އޮވެގެން ވެސް އިސްދޫ ޓީމުން ދޫ ނުދީ، މެޗުގެ ފަހުކޮޅު ކުޅުން ވަނީ ވަރުގަދަކޮށްފައެވެ. އިސްދޫ ޓީމުގެ ކުޅުން ހުއްޓުވަން އުޅުމުގެތެރޭގައި ފަސް ފައުލް ހަމަވެގެން ލިބުނު ދެ ޕެނަލްޓީއިން ދެ ލަނޑު ޖަހައި ނަތީޖާ ވަނީ އެއްވަރުކޮށްފައެވެ.
މި މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމުނުއިރު، ދެ ޓީމުގެ ފަރާތުންވެސް ވަނީ ސަޕޯޓަރުން ހައިރާންކޮށްލާ ފަދަ މޮޅު އަދި ފޯރިގަދަ ކުޅުމެއް ދައްކުވައިދީފައެވެ.
މުބާރާތުގެ އިންތިޒާމުތައް ވަރަށް ފުރިހަމަކަމާއެކު ކުރިއަށްދާއިރު، އެފްއޭއެމް ފުޓްސަލް މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަކީވެސް ވަރަށް ވާދަވެރި އަދި ބަލާލަން ރީތި މެޗުތަކަކަށް ވާނެ ކަމަށް ބެލެވެއެވެ. މި މެޗުން ލިބުނު އެއް ޕޮއިންޓާއެކު ދެ ޓީމަށްވެސް ވަނީ މުބާރާތުގެ އަނެއް ބުރަށް ދިއުމުގެ އުއްމީދު ދަމަހައްޓާފައެވެ.




