ރަށްރަށުގައިވެސް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލް ޒޯން ހެދުމުގެ ފުރުސަތު އެބައޮތް: މިނިސްޓަރު ސައީދު
Rahrashugaivess vehicle registration control zone hedhumuge furusathu ebaoiy: Minister Saeed

ރާއްޖޭގެ އެއްވެސް ރަށެއްގައި ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލް ޒޯނެއް ހެދުމަށް އެއްވެސް ގާނޫނީ ހުރަހެއް ނެތް ކަމަށާއި، އެކަން ކުރަން ބޭނުންވާ ފަރާތްތަކުން އެ ވުޒާރާއަށް ހުށަހެޅުމުން ސަރުކާރުން އެކަމާމެދު ގޮތެއް ނިންމާނެ ކަމަށް އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ސައީދު ވިދާޅުވީ، ދެ ވުޒާރާ އެއްކޮށްލި ހިސާބުން ފެށިގެން ޓްރެފިކް ކޮންޓްރޯލް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން ފުލުހުންނާއި އެޗްޑީސީ ހިމެނޭހެން އެކި މުއައްސަސާތަކާ އެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި، މާލެ ސަރަހައްދުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިޝަންއާ އެއްގޮތަށް އަމަލުކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
މާލެ ސަރަހައްދަކީ ރަޖިސްޓްރޭޝަން ކޮންޓްރޯލް ޒޯނެއްގެ ގޮތުގައި ހަމަޖެއްސި ސަބަބު ބަޔާންކުރައްވަމުން ސައީދު ވިދާޅުވީ، ”މާލެ ސަރަހައްދަކީ ރަޖިސްޓްރޭޝަން ކޮންޓްރޯލް ޒޯނަކަށް މިވަނީ. އޭގެ މާނައަކީ ރަޖިސްޓްރާ ނުކުރެވޭނެ ޒޯނެކޭ ނޫން. އޭގެ މާނައަކީ ރަޖިސްޓާކުރެވޭނެޔޭ އެހެންނަމަވެސް ވަކި މިންގަނޑުތަކެއްގައި ވަކި ގޮތަކަށް އިންތިޒާމްކުރެވިގެން ކަންކަން ކުރުމުގެ ރޫހު ހުރިހާ ބޭފުޅުންގެވެސް ހުންނަންވާނޭ. މީ އަސްލުގައި މިކަން ކުރުމުގެ މަގްސަދަކީ،“ ކަމަށެވެ.
މީގެއިތުރުން، މާލެ ފަދައިން އެހެން ސިޓީތަކާއި ރަށްރަށުގައިވެސް ރަޖިސްޓްރޭޝަން ކޮންޓްރޯލް ޒޯނެއް ހެދުމަށް ގާނޫނުން ހުރަހެއް ނެތްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އެފަދަ ޒޯނެއް ގާއިމުކުރަން ބޭނުންވާނަމަ ކައުންސިލްތަކުން ވުޒާރާއަށް ހުށަހަޅައި، ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމާ އެއްގޮތަށް އެކަން ކުރިއަށް ގެންދެވިދާނެ ކަމަށެވެ.
ސައީދު އިތުރަށް ވިދާޅުވީ މާލެ ފަދައިން އެހެން ސިޓީތަކުގައިވެސް ޓްރެފިކް މައްސަލަތައް އިތުރުވަމުންދާތީ، ފުލުހުންނާއި އެހެނިހެން އިދާރާތައް ގުޅިގެން ސިންގަލް ވިންޑޯއަކުން ކަންކަން ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރުމަށްޓަކައި ގްރޭޓާ މާލެ މޮބިލިޓީ އެންޑް ޓްރާންސްޕޯޓް އޮފީހެއް ގާއިމުކޮށްފައިވާ ކަމަށެވެ.




