ޕީއެސްއައިޕީއަށް ކުރި ޚަރަދު 3.8 ބިލިޔަން ރުފިޔާއަށް އަރައިފި
PSIP ah kuri kharadhu 3.8 billion rufiyya ah araifi

ޕަބްލިކް ސެކްޓަރ އިންވެސްޓުމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ދައުލަތުގެ ބަޖެޓުން 3.8 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މާލީ ވުޒާރާއިން އެންމެ ފަހުން ނެރުނު ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން، މިއަހަރު ޕީއެސްއައިޕީ މަޝްރޫޢުތަކަށް 8.3 ބިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކޮށްފައިވާއިރު، އޮގަސްޓު މަހުގެ 27ވަނަ ދުވަހުގެ ނިޔަލަށް ޚަރަދުވެފައިވަނީ 3.8 ބިލިޔަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޚަރަދުވި 5.4 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު ދަށް އަދަދެކެވެ.
ސަރުކާރުގެ ޚަރަދުގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން މި މުއްދަތުގައި އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ އިޤްތިޞާދީ ދާއިރާއަށެވެ. އެ ދާއިރާއަށް 1.6 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އޭގެ ތެރެއިން އެންމެ ބޮޑު ބައެއް ހޭދަކޮށްފައިވަނީ ދަތުރުފަތުރުގެ ދާއިރާއަށެވެ. އެއީ 1.3 ބިލިޔަން ރުފިޔާއެވެ. މީގެއިތުރުން ދައުލަތުގެ އާންމު ޚިދުމަތުގެ ދާއިރާއިން 646.3 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އޭގެ ތެރެއިން 641.2 މިލިޔަން ރުފިޔާ ހޭދަކޮށްފައިވަނީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ބިންތައް ބެލެހެއްޓުމަށެވެ.
މާލީ ވުޒާރާގެ ހިސާބުތަކުން ދައްކާ ގޮތުގައި ބޯހިޔާވަހިކަމުގެ ދާއިރާއަށް ކުރި ޚަރަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ބޯހިޔާވަހިކަމަށް 261.4 މިލިޔަން ރުފިޔާ ޚަރަދުކުރި ނަމަވެސް، މިއަހަރުގެ މި މުއްދަތުގައި ވަނީ 539 މިލިޔަން ރުފިޔާ ޚަރަދުކޮށްފައެވެ. މިއީ %106 ގެ އިތުރުވުމެކެވެ. މީގެ އިތުރުން ޞިއްޙީ ދާއިރާއަށް މި މުއްދަތުގައި 242.6 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
މާލީ ވުޒާރާއިން ވިދާޅުވީ، ޕީއެސްއައިޕީއަށް ކުރި ޖުމްލަ ޚަރަދު ދަށްވުމަކީ މަޝްރޫޢުތައް ހިންގުމުގެ ޚަރަދު ހަރުދަނާ ގޮތެއްގައި ބެލެހެއްޓެމުންދާކަން ހާމަވެގެންދާ ކަމެއް ކަމަށެވެ. ސަރުކާރުން މި އަހަރުން ފެށިގެން މަޝްރޫޢުތައް ހިންގުމުގައި ފައިދާއަށް ބަލާނެކަން ހާމަކޮށްފައިވާއިރު، އަލަށް ފަށާ މަޝްރޫޢުތަކުގެ ބޭނުންތެރިކަން ދެނެގަތުމަށް ޕްރޮޖެކްޓް ޕްރިޕަރޭޓަރީ ފަންޑެއް ޤާއިމްކޮށް ދިރާސާތައް ހެދުމަށް މިއަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފައެވެ.



