އެންސްޕާގެ ރަޖިސްޓަރގައި 535 ތެލެސީމިޔާ ބަލި މީހުން، ލ.އަތޮޅުގައި 43 މީހުން
NSPAge registergai 535 thelassemia balimeehun, laamu atholhugai 43 meehun

އޮގަސްޓު މަސް ނިމުނުއިރު ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ރަޖިސްޓްރީގައި 535 ތެލެސީމިއާ ޕޭޝަންޓުން ތިބިކަމަށް އެ އެޖެންސީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެންސްޕާގެ ހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ އޮގަސްޓު މަހުގެ ތެރޭގައި އެކަނިވެސް އަލަށް 4 ކުދިން ވަނީ އެޖެންސީގައި ރަޖިސްޓްރީކޮށްފައެވެ.
ސަރުކާރުން ތެލަސީމިއާ ކުދިންނަށް ދޭ ޚާއްޞަ އެލަވަންސް ދޫކުރަން ފެށުމާ ގުޅިގެން، އެ ބައްޔަށް ފަރުވާ ހޯދަމުންދާ ގިނަ ފަރާތްތަކުން އަންނަނީ އެންސްޕާގައި ރަޖިސްޓްރީވަމުންނެވެ. އެގޮތުން މިދިޔަ މަހު އެކަނިވެސް އެލަވަންސްގެ ގޮތުގައި 1.07 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
ރާއްޖޭގައި ލޭ އަޅާ ކުދިންގެ ގޮތުގައި މޯލްޑިވިއަން ބްލަޑް ސަރވިސްގެ ދަފްތަރުގައި 981 މީހަކު ރަޖިސްޓަރކޮށްފައިވީ ނަމަވެސް، އޮގަސްޓުމަހުގެ 4 ވަނަ ދުވަހާ ހަމައަށް ދުނިޔޭގައި ތިބީ 668 މީހުންނެވެ. މި ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން އެންމެ ގިނައީ އަތޮޅުތެރޭގައި ދިރިއުޅޭ މީހުންނެވެ. އެއީ 505 މީހުންނެވެ. މާލެ ސަރަޙައްދުގައި 163 މީހުން ދިރިއުޅޭއިރު، ޖެންޑަރގެ ނިސްބަތުން ބަލާއިރު ހިމެނެނީ 319 ފިރިހެނުންނާއި 349 އަންހެނުންނެވެ. އުމުރުފުރާއަށް ބަލާއިރު އެންމެ ގިނައީ 11 އަހަރާއި 20 އަހަރާ ދެމެދުގެ ކުދިން ކަމުގައިވާ 215 ކުދިންނެވެ. ދެވަނައަށް އެންމެ ގިނައީ 21 އަހަރާއި 30 އަހަރާ ދެމެދުގެ މީހުންނެވެ.
އަތޮޅުތަކުގެ ތަފާސްހިސާބުތައް
އަތޮޅުތަކަށް ބަލާއިރު، ލ. އަތޮޅުން އެކަނިވެސް ތެލެސީމިއާ ބަލީގެ 43 މީހުން ވަނީ ލިސްޓްކުރެވިފައެވެ. އާބާދީގެ ނިސްބަތުން ތެލަސީމިއާ ބަލި ތަހައްމަލުކުރާ މީހުން އެންމެ ގިނައީ ނ. އަތޮޅުގައެވެ. އެ އަތޮޅުގެ 13 ރަށަކުން 53 މީހުން ދަފްތަރުގައި ހިމެނޭއިރު، މިއީ ކޮންމެ ރަށަކަށް އެވްރެޖްކޮށް 4 މީހުންނެވެ. މީގެއިތުރުން ފ. އަތޮޅުގައި 18 މީހުން ތިބިއިރު، ވ. އަތޮޅުގައި މި ބަލީގެ އެއްވެސް މީހަކު ނެތެވެ. އަދި ދެވަނައަށް އެންމެ މަދީ މ. އަތޮޅުގައި ކަމަށްވާއިރު، އެއީ އެންމެ 3 މީހުންނެވެ.
ތެލަސީމިއާއަށް އާންމުން ހޭލުންތެރި ކުރުވުމަށާއި، މި ބަލި ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަންނަނީ ސްކޫލު ކުދިން ސްކްރީން ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ޚިދުމަތްތައް ހުޅުމާލޭ އޮރެންޖު ހިޔާގައި ދޭން ފަށާފައިވާއިރު، ތެލަސީމިއާގެ އެކި ޓެސްޓްތައް ހެދޭ ޑީއެންއޭ ލެބޯރެޓަރީއާއި، އެންޑޮކްރައިނޮލޮޖީ، އެތެރެހަށީގެ ބަލިތަކަށް ޚާއްސަ އަދި ހެމަޓޮލޮޖީ ކްލިނިކާއި، ތެލަސީމިއާ ޕޭޝަންޓް ކެއަރ ސެންޓަރުގެ ޚިދުމަތްވެސް ވަނީ ޤާއިމުކޮށްފައެވެ.
މީގެއިތުރުން، ސަރުކާރުން ވަނީ ކޮންމެ ތެލެސީމިއާ ކުއްޖަކަށް މަހަކު 2000 ރުފިޔާގެ އެލަވަންސެއް ދޭން ފަށާފައެވެ. އަދި 5 އަހަރުގެ ތެރޭގައި ކޮންމެ އަހަރަކު 10 ކުއްޖަކަށް ސަރުކާރުގެ ޚަރަދުގައި ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ކުރުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވާއިރު، މި 5 އަހަރުގެ ތެރޭގައި 50 ކުދިންގެ ފަރުވާއަށް ޖުމްލަ 50 މިލިޔަން ރުފިޔާ ޚަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ.




