ފޮނަދޫގެ މައްޗަށް ކުރިހޯދައި އިސްދޫން ފައިނަލްގެ ފަހު ޖާގަ ކަށަވަރުކޮށްފި
Fonadhooge mahchah Kuri Hoadhai Isdhoon Finalge Fahu Jaaga Kashavarukohfi

ފޮނަދޫގެ މައްޗަށް ކުރިހޯދައި އިސްދޫން ފައިނަލްގެ ފަހު ޖާގަ ކަށަވަރުކޮށްފި
އެފްއޭއެމް އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ފުޓްސަލް މުބާރާތުގެ ލ. އަތޮޅު ބުރުގައި ރޭ ކުޅުނު ފޯރިގަދަ މެޗު ކާމިޔާބުކޮށް، މުބާރާތުގެ ފައިނަލްގެ ފަހު ޖާގަ އިސްދޫ ޓީމުން ކަށަވަރުކޮށްފިއެވެ.
ރޭ ކުޅެވުނު މި ފޯރިގަދަ މެޗުގައި އިސްދޫ އާއި ވާދަކޮށްފައިވަނީ ފޮނަދޫ ޓީމެވެ. މި މެޗު އިސްދޫ ޓީމުން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.
މެޗުން ބަލިވި ނަމަވެސް، ފޮނަދޫ ޓީމުން ރޭގެ މެޗުގައި ދެއްކި މޮޅު ކުޅުމަށް ގިނަ ބައެއްގެ ތައުރީފު ވަނީ ލިބިފައެވެ. މުބާރާތަށް ތައްޔާރުވުމަށް ފޮނަދޫ ޓީމަށް ލިބުނު ވަގުތު މަދުވި ނަމަވެސް، ޓީމުގެ އެއްބައިވަންތަކަމާއި ކުޅުންތެރިންގެ މެދުގައި އޮތް ގުޅުން ފާހަގަކުރެވޭ ވަރަށް ރަނގަޅެވެ. އަދި ލިބުނު މަދު ވަގުތުކޮޅުގެ ތެރޭގައި ވެސް އެ ޓީމުން ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށް، އިސްދޫ ޓީމަށް ވަރުގަދަ ޕްރެޝަރެއް ކުރިމަތިކުރުވާފައެވެ.
އިސްދޫ ޓީމުން މި މެޗު ކާމިޔާބުކުރީ މެޗުގެ މުހިންމު ވަގުތުތަކުގައި ފޮނަދޫ ޓީމުން އުފެއްދި ހަމަލާތައް ހުއްޓުވައި، ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފައިގެންނެވެ. ހަމައެއާއެކު، ފޮނަދޫ ޓީމުން ވަނީ މުޅި މެޗުގައިވެސް އިސްދޫގެ ހުނަރުވެރި، ނުރައްކާތެރި ކުޅުންތެރިން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް އިސްދޫގެ ކުޅުންތެރިންގެ ހުނަރުވެރިކަމާއެކު އެ ޓީމުން ވަނީ ތިން ލަނޑު ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެ ޓީމު ކޮޅަށް އަނބުރާލާފައެވެ.




