ކުރިއަށް އޮތް 3 ދުވަހުވެސް މޫސުން ގޯސް، މާދަމާ ވަރަށް ބޮޑަށް ވިއްސާރަކުރާނެ: މެޓް
Kuriah oiy 3 dhuvahuvess moosun goas, maadhamaa varah bodah vissaaakuraane:MET

ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށާއި، ޚާއްސަކޮށް މާދަމާ ވަރަށް ބޮޑަށް ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މާދަމާ ރާއްޖޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވެއެވެ. އަދި ޖުމްލަގޮތެއްގައި ހުރިހާ ހިސާބަކަށް ވެސް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެ އިދާރާއިން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ވައިޖެހޭނީ ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ. މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށް މެޓުން ދަނީ އެލާޓުތައް ނެރެމުންނެވެ. އެގޮތުން އެންމެ ފަހުން ނެރެފައިވަނީ ބ. އަތޮޅުން ތ. އަތޮޅަށް ހުދު ސަމާލެވެ.
ކަނޑުދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް އިލްތިމާސްކުރުން
ވައިގަދަވުމުގެ ސަބަބުން ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައް ވެސް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭތީ، ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ. ވަކިން ހާއްސަކޮށް، ކަނޑު ދަތުރަށް ފުރުމުގެ ކުރިން އެންމެ ފަހުގެ މޫސުމީ މަޢުލޫމާތު ހޯދުމަށާއި، ސަލާމަތީ ފިޔަވަޅުތައް ފުރިހަމަކުރުމަށް ވަނީ އަންގާފައެވެ.
ދަތުރުކުރާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ނިޒާމާއި، ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކްކުރުމަށް އެމްއެންޑީއެފުން ވެސް ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި މުދާ އުފުލާ އުޅަނދުފަހަރުން، މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރު ނުކުރުމަށާއި ރަނގަޅަށް ލައިސަންލާފައި ބެހެއްޓުމަށް އިލްތިމާސްކުރެއްވިއެވެ.
މީގެއިތުރުން ދަތުރުކުރާ ފަރާތްތަކުން ލައިފްޖެކެޓް އަޅައިގެން ތިބުމަށާއި، ޑައިވިންގ އާއި ވޯޓަރ ސްޕޯޓްސް އިންތިޒާމުކުރާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިފައެވެ. އަދި މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރު ނުކުރުމަށްވެސް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.




