ރިސޯޓުތަކުން 40 އިންސައްތަ މާރުކުރަން ލާޒިމުކުރުމަކީ މާކުރިން ކުރަންޖެހިފައި އޮތް ކަމެއް: ޢަބްދުއްރަހީމް
Resort tahkun 40 insahtha maarukurunah laazimkurumakee maakurin kuran jehifai oiy kameh: Abduhraheem

ރިސޯޓުތަކުގެ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ ބޭންކުތަކަށް މާރުކުރަންޖެހޭ ގޮތަށް ގާނޫނަށް ގެނެވުނު ބަދަލަކީ މީގެ އެތައް ޒަމާނެއް ކުރިން ގެންނަންޖެހިފައި އޮތް ބަދަލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ސެޕްޓެންބަރު 15 އިން 18 ގެ ނިޔަލަށް ކުރިއަށްގެންދާ ޕީއެންސީގެ މަތީ މަޖިލީހާ ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށް އެމްއެމްޓީވީގެ ”ކޮންގްރެސް ފޯރި“ ޕްރޮގުރާމުގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަޅުއްވަމުންދާ އިގުތިސާދީ އަދި އެހެނިހެން ފިޔަވަޅުތަކަށް ރައްޔިތުންގެ ބޮޑު ތާއީދެއް އެބައޮތް ކަމަށެވެ. އެގޮތުން ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު 3،000 އެއްހައި މެންބަރުން ތިބި ޕީއެންސީގެ މެންބަރުންގެ އަދަދު 77،000 އަށް އަރާފައިވަނީ ރައީސްގެ ސިޔާސަތުތަކަށް ރައްޔިތުން ތާއީދުކުރާތީ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކަށް އިދިކޮޅު ފަރާތްތަކުން ފާޑުކިޔަނީ ވެރިކަމަށް އޮތް ދަހިވެތިކަމެއްގެ ބޮޑުކަމުން ކަމަށް ވިދާޅުވަމުން، ޢަބްދުއްރަހީމް ފާހަގަކުރެއްވީ ރިސޯޓުތަކުގެ އާމްދަނީ މާރުކުރުމުގެ ސިޔާސަތަކީ ކުރިންވެސް އޮންނަންޖެހޭ ކަމެއް ކަމަށެވެ. އަދި ”މިކަން މީގެ ވިއްސަކަށް ތިރީހަކަށް އަހަރުކުރިން ކޮށްފައި އޮތްނަމަ މިއަދު އަޅުގަނޑުމެންނަކަށް ބޭރު ފައިސާ ނުލިބިގެން އުޅެންނުޖެހުނީސް. މި ގައުމަކީ ވަރަށް ގިނަ ބޭރު ފައިސާ ވަންނަ ގައުމެއް. އެކަމަކު އެ ނިކުމެގެންދަނީ ދައުލަތަށް އެއްވެސް ފައިދާއެއް ނުކޮށް، ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުކޮށް،“ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، މި ސިޔާސަތު ތަންފީޒުކުރަން ފެށުމާއެކު ކަޅުބާޒާރުގައި 22 ރުފިޔާއަށް އަރައިގެން ދިޔަ ޑޮލަރުގެ އަގު މިހާރު 19 ރުފިޔާއަށް ތިރިވެފައިވާކަން ފާހަގަކުރައްވައި، މީގެ ސަބަބުން ސީދާ ފައިދާ ކުރަނީ އާންމު ރައްޔިތުންނަށް ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ގުދުރަތީ ވަސީލަތްތަކުން ލިބޭ މަންފާ ރައްޔިތުންނަށް ލިބެންޖެހޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން އަބްދުއްރަހީމް އުންމީދު ފާޅުކުރެއްވީ، ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ކަޅުބާޒާރުގައި ޑޮލަރުގެ އަގު ހުރި މިންވަރަށް ނުވަތަ އެއަށްވުރެވެސް ދަށަށް ޑޮލަރުގެ އަގު ތިރިވެގެންދާނެ ކަމަށެވެ.




