ރުފިޔާ ކާޑުން ކުރާ އީ-ކޮމާސް މުއާމަލާތްތަކަށް މަހަކު 16 މިލިއަން ޑޮލަރުގެ ލިމިޓެއް ބީއެމްއެލްއިން ކަނޑައަޅައިފި
Rufiyya cardun kuraa E-commerce muaamalaaithaah mahaku 16 million dollarge limiteh BML in kanda'alhaifi

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ރުފިޔާ ކާޑުތައް ބޭނުންކޮށްގެން ރާއްޖެއިން ބޭރުގެ އީ-ކޮމާސް މުއާމަލާތްތައް ކުރުމަށްޓަކައި، ކޮންމެ މަހަކު 16 މިލިއަން ޑޮލަރާ ހަމައަށް ޖުމްލަ އަދަދެއް ކަނޑައަޅައި، އެކަން އެ ބޭންކުން މިއަދު އިއުލާންކޮށްފިއެވެ.
ބޭންކުން ހާމަކުރި ގޮތުގައި މި އާ ލިމިޓްތަކަށް މާދަމާއިން ފެށިގެން އަމަލުކުރަން ފަށާނެއެވެ.
ބީއެމްއެލުން ބުނި ގޮތުގައި، ކަސްޓަމަރުންގެ ބޭނުންތަކަށާއި ދެވޭ ހިދުމަތްތަކުގެ މުހިންމު ކަމަށް ރިއާޔަތްކޮށް، މަހުގެ ޖުމްލަ އަދަދު ވަނީ އެކި ކެޓަގަރީތަކަށް ބަހާލައި ދުވާލަކު ބޭނުންކުރެވޭނެ ވަކި ލިމިޓްތަކެއް ކަނޑައަޅާފައެވެ. އެގޮތުން ޓީމޫ، އަލީބާބާ، އެޕަލް އަދި އެމެޒޯން ފަދަ އާންމުކޮށް ގިނައިން ވިޔަފާރިކުރާ 150 އީ-ކޮމާސް ޕްލެޓްފޯމަށް މަހަކު 3 މިލިއަން ޑޮލަރު (ދުވާލަކަށް 100،000 ޑޮލަރު) ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން ފޭސްބުކް، އިންސްޓަގްރާމް އަދި ޓިކްޓޮކް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް މަހަކު 1.5 މިލިއަން ޑޮލަރު (ދުވާލަކަށް 50،000 ޑޮލަރު) ވަނީ ހަމަޖައްސާފައެވެ.
ދަތުރުފަތުރާއި ހޮޓެލް ބުކިން ފަދަ ކަންކަމަށް މަހަކު 6 މިލިއަން ޑޮލަރު (ދުވާލަކަށް 200,000 ޑޮލަރު) ކަނޑައަޅާފައިވާއިރު، އެހެން މީހުންނަށް ޓިކެޓާއި ހުރުން ހަމަޖައްސައިދިނުމުގެ ސަބަބުން ބޭރުވާ ފައިސާ އިތުރުވާތީ، މި ކެޓަގަރީން ކޮންމެ ކަސްޓަމަރަކަށް ތިން މަސް ދުވަހުގެ ތެރޭގައި ކުރެވޭނީ ގިނަވެގެން ތިން މުއާމަލާތް ކަމަށް ބޭންކުން ބުންޏެވެ. އަދި ޒަރޫރީ ސަބްސްކްރިޕްޝަންތަކަށް މަހަކު 3 މިލިއަން ޑޮލަރު (ދުވާލަކަށް 100,000 ޑޮލަރު) އަދި އެހެނިހެން ހުރިހާ އީ-ކޮމާސް ވިޔަފާރިތަކަށް މަހަކު 1.8 މިލިއަން ޑޮލަރު (ދުވާލަކަށް 60,000 ޑޮލަރު) ވަނީ ކަނޑައަޅާފައެވެ.
ސިއްހީ އަދި ތައުލީމީ ކަންކަމާ ގުޅޭ މުއާމަލާތްތަކަށް ވަކި މާޗަންޓް ލިމިޓެއް ކަނޑައަޅާފައި ނުވި ނަމަވެސް، މިފަދަ މުއާމަލާތްތައް ހަމަޖެހޭނީ މަހަކު ކަނޑައެޅި 16 މިލިއަން ޑޮލަރުގެ ތެރެއިންނެވެ. ބީއެމްއެލުން ބުނީ މި ޒަރޫރީ ހިދުމަތްތައް މެދުނުކެނޑި ލިބޭނެކަން ކަށަވަރުކުރުމަށްޓަކައި ވަކިން ހާއްސަ ބަފާއެއް ދަމަހައްޓާނެ ކަމަށެވެ.
މިގޮތަށް ލިމިޓް ކަނޑައެޅުމުގެ މައިގަނޑު ބޭނުމަކީ ޒަރޫރީ ނޫން ކަންކަމަށް ކުރާ ބޭރު ފައިސާގެ ހަރަދުތައް ކޮންޓްރޯލްކޮށް، ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް ބޭރު ފައިސާ ފޯރުކޮށްދިނުމަށް އިސްކަންދިނުން ކަމަށް ބޭންކުން ބުންޏެވެ. ކޮންމެ ދުވަހަކުވެސް ހެނދުނު 7:00 ގައި ދުވަހުގެ ލިމިޓް އާވާނެ ކަމަށާއި، ވަކި ދާއިރާއެއްގެ ދުވަހުގެ ލިމިޓް ހަމަވެއްޖެނަމަ، ޖެހިގެން އަންނަ ދުވަހު މުއާމަލާތް ކުރުމަށް ނުވަތަ ޑޮލަރު ކާޑެއް ބޭނުންކުރުމަށް ބީއެމްއެލުން ވަނީ އިލްތިމާސްކޮށްފައެވެ.




