ރާއްޖޭގެ އިމާމުންނަށް ޚާއްސަ ޑްރެސް ކޯޑެއް ތަޢާރަފްކުރަނީ

Rajjeyge imaamunah khassa dress code eh tha'aarafkuranee

ރާއްޖޭގައި އިމާމުވެ ހުކުރު ނަމާދާއި އީދު ނަމާދު ކުރައްވާ ބޭފުޅުންނާއި، އާންމުކޮށް އިމާމުކަމުގެ ވަޒީފާ އަދާކުރައްވާ ބޭފުޅުން ނަމާދު ވަގުތުތަކުގައި ތުރުކުރައްވާނެ ހާއްސަ ޑްރެސް ކޯޑެއް ފަރުމާކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، އިމާމުންނަށް ހާއްސަކޮށް ތައްޔާރުކުރެވޭ މި ޑްރެސް ކޯޑުގައި ތާކިހާކޮޅުވެސް ހިމެނޭނެ ކަމަށެވެ. އަދި މި ޑްރެސް ކޯޑު ފަރުމާ ކުރުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލުމަށް އެ ވުޒާރާއިން މިހާރު ވަނީ ކަނޑައަޅާފައެވެ.

އިމާމުންނާއި ޚަޠީބުންގެ ދައުރު ފުޅާކޮށް ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން ބޭއްވި ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ އިއްޔެ ވަނީ ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ. އެއް ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި މަހާސިންތާގައި 300 އަށް ވުރެ ގިނަ ޒުވާން ޚަޠީބުން ބައިވެރިވެފައިވެއެވެ.

ހަރުދަނާ އިސްލާމީ ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން ދެއްވާ އިސްކަމުގެ ދަށުން، މިހާތަނަށް 700 އަށް ވުރެ ގިނަ ޒުވާން ޚަޠީބުން ވަނީ ތަމްރީނުކޮށްފައެވެ. މިއީ ރަށްރަށަށް ދިމާވެފައިވާ ޚަޠީބުން ލިބުން ދަތިވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ގްރޭޑް 10، 11 އަދި 12 ގެ ދަރިވަރުންނަށާއި، ކިޔެވުން ނިމިފައިވާ 18 އަހަރު ނުފުރޭ ކުދިންނަށް އަމާޒުކޮށްގެން ހިންގާ ކާމިޔާބު ޕްރޮގްރާމެކެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފާހަގަކުރައްވާ ގޮތުގައި، އިމާމުންގެ ޑްރެސް ކޯޑެއް ތައާރަފުކުރުމާއި ޒުވާން ޚަޠީބުން ބިނާކުރުމުގެ މަސައްކަތަކީ ދީނީ ދަޢުވަތުގެ މަސައްކަތްތަކަށް އައު ދިރުމެއް ގެނެސްދީ، މިސްކިތްތަކުގެ ހައިބަތު އުފުލިގެންދާނެ މުހިންމު ފިޔަވަޅުތަކެކެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted