އުމްރާނީ މަޝްރޫއުތަކަށް ބޭނުންވާ ފައިނޭންސިން ހޯދުމަށް ސައުދީ ފަންޑާއެކު މަޝްވަރާކޮށްފި
Umraanee mashroouthakah beynunvaa financing saudi fundaaeku mashvaraakohffi

ރާއްޖޭގެ އުމްރާނީ މަޝްރޫއުތަކަށް ބޭނުންވާ ފައިނޭންސިން ހޯދުމުގެ ފުރުސަތުތަކާ ގުޅޭގޮތުން މާލީ ކަންކަމާއި ކުންފުނިތަކާ ބެހޭ ވަޒީރު ހަސަން ޒަރީރު އަދި ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އެސްއެފްޑީ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު، ނިޝާން މުލީގެ ޝަރަފުގެ އިއްޒަތުގެ ވެރިޔާ ސުލްތާން ބިން އަބްދުއްރަހްމާން އަލް-މަރްޝަދު މަޝްވަރާކުރައްވައިފިއެވެ.
މާލީ ވުޒާރާއިން ވިދާޅުވި ގޮތުގައި، އެސްއެފްޑީގެ ސީއީއޯ ވަޒީރު ޒަރީރުގެ އަރިހަށް ކުރެއްވި މި އިހްތިރާމުގެ ޒިޔާރަތުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ތަރައްގީގެ ދާއިރާއިން ރާއްޖެއާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށެވެ. އަދި އިގްތިސާދީ ކުރިއެރުމަށާއި އަސާސީ ހިދުމަތްތައް ހަރުދަނާކުރުމަށްޓަކައި ސަރުކާރުން އިސްކަންދޭ އުމްރާނީ މަޝްރޫއުތަކަށް ބޭނުންވާ ފައިނޭންސިން ހޯދުމާ ގުޅޭގޮތުންވެސް ފުޅާ ދާއިރާއެއްގައި ވާހަކަދެކެވުނެވެ. މި ބައްދަލުވުމުގައި ވަޒީރު ވަނީ އެސްއެފްޑީން ރާއްޖޭގެ ތަރައްގީއަށް ދެއްވަމުންދާ ދިގު މުއްދަތުގެ އެހީތެރިކަމާއި ބާއްވަވާ ގާތް ގުޅުން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.
ސައުދީ ފަންޑުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވަނީ 1978 ވަނަ އަހަރު، މާލޭ އިންޓަނޭޝަނަލް އެއަޕޯޓް ތަރައްގީ ކުރުމަށް ދޫކުރި ފުރަތަމަ ލޯނާ އެކުގައެވެ. އޭގެ ފަހުން މިއަދާ ހަމައަށް އެ ފަންޑުން ވަނީ ރާއްޖޭގެ 14 މަޝްރޫއަކަށް ޖުމްލަ 17 ލޯނު ދޫކޮށްފައެވެ. މި އެހީތަކުގެ ޖުމްލަ އަދަދު 488 މިލިއަން އެމެރިކާ ޑޮލަރަށްވުރެ އިތުރެވެ. މީގެ ތެރޭގައި ދަތުރުފަތުރާއި، ސިއްހީ ދާއިރާއާއި، ބޯހިޔާވަހިކަމުގެ އިތުރުން ސިޓީ ތަރައްގީކުރުމުގެ މަޝްރޫއުތައް ހިމެނެއެވެ.
އެސްއެފްޑީން ރާއްޖޭގައި ހިންގި އެންމެ ބޮޑު އެއް އިންވެސްޓްމަންޓަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ބޮޑުކޮށް ތަރައްގީކުރުމުގެ މަޝްރޫއެވެ. މި މަޝްރޫއަށް އެ ފަންޑުން ގާތްގަނޑަކަށް 217 މިލިއަން އެމެރިކާ ޑޮލަރުގެ ފައިނޭންސިން ފޯރުކޮށްދީފައިވެއެވެ. މީގެ އިތުރުން، ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީކުރުމުގެ ޕްރޮގްރާމަށް 50 މިލިއަން ޑޮލަރު ދޫކޮށްފައިވާއިރު، ހުޅުމާލޭގެ އުމްރާނީ ތަރައްގީގެ މަސައްކަތްތަކަށްވެސް އެ ފަންޑުން ވަނީ ބޮޑެތި އެހީތަކެއް ވެދީފައެވެ.
1974 ވަނަ އަހަރު ގާއިމުކުރި ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓަކީ ބައިނަލްއަގްވާމީ ތަރައްގީގެ ދާއިރާއިން ސައޫދީ އަރަބިއްޔާގެ ފަރާތުން މަސައްކަތްކުރާ މައި އިދާރާއެވެ. މި ފަންޑުގެ މައިގަނޑު މަގުސަދަކީ ތަރައްގީވަމުން އަންނަ ގައުމުތަކުގައި ކުރިއަށްގެންދާ މުހިންމު މަޝްރޫއުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީ، އެ ގައުމުތަކުގެ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް އެއްބާރުލުން ދިނުމެވެ.




