މާލޭގެ ޓްރެފިކް ހައްލުކުރާ އިދާރާގެ ވެރިޔަކަށް މާނިޢު ހަމަޖައްސަވައިފި

Male ge traffic hahlukuraa idhaaraage veriakah maaniu hamajahsavaifi

މާލެ ސަރަހައްދުގެ މަގުތަކުގައި ދުއްވާ އުޅަނދުފަހަރު ގިނަވެ، ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އުފެއްދި ޚާއްސަ އިދާރާގެ ވެރިޔަކަށް ކަސްޓަމްސްގެ ކުރީގެ ކޮމިޝަނަރު ޔޫސުފް މާނިޢު މުޙައްމަދު ހަމަޖައްސަވައިފިއެވެ.

ރަސްމީކޮށް މިކަން އަދި އިއުލާނުނުކުރި ނަމަވެސް، އެ މަގާމަށް އައްޔަންކުރިކަން މާނިޢު ވަނީ ކަށަވަރުކޮށްދެއްވައިފައެވެ.

”ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް“ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިދާރާއެއް އުފެއްދެވީ މިދިޔަ ޖުލައި މަހުގެ 12 ވަނަ ދުވަހުއެވެ. ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ މި އިދާރާ އުފެއްދެވިތާ ދެ މަސް ދުވަސް ވެފައިވާއިރު، އަދި ރަސްމީކޮށް އެ އިދާރާގެ މަސައްކަތްތައް ފަށައިފައެއް ނުވެއެވެ.

ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، މި އިދާރާއަކީ މާލެ ސަރަހައްދުގެ މަގުތަކުގައި އުޅަނދުފަހަރު އިތުރުވެ، މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ޕްރޮގްރާމުތައް އެކުލަވައިލައި ތަންފީޒުކުރުމަށް އުފެއްދި ތަނެކެވެ. މީގެ އިތުރުން، މާލޭ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ޒަމާނީކޮށް، ދިމާވާ މައްސަލަތައް ހައްލުކުރުމުގައި މި އިދާރާގެ ދައުރު ބޮޑުވާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

މި އިދާރާ އުފެއްދުމާ ގުޅިގެން މާލޭގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވެފައިވަނީ، މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރުމަކީ މާލެ ސިޓީ ކައުންސިލްގެ ޒިންމާއެއް ކަމަށާއި އެއީ ސަރުކާރުން ޒިންމާވާންޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި މި މައްސަލަ ހައްލުކުރުމަށް ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް (ޔޫއެންއެސްކެޕް)އާ ގުޅިގެން ކައުންސިލުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް މޭޔަރު ފާހަގަކުރެއްވިއެވެ.

މާނިޢު މި ސަރުކާރުގައި ފުރަތަމަ އަދާކުރެއްވީ ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލްގެ މަގާމެވެ. އެއަށްފަހު ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް ބަދަލުކުރެއްވިއިރު، އެ މަގާމުން އޭނާ އިސްތިއުފާ ދެއްވީ 2024 ޖުލައި 24 ގައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted