މިދިޔަ ހަފުތާގައި ސްކޭމްތަކަށް ހަ ލައްކައަށް ވުރެ ގިނަ ރުފިޔާ ގެއްލިއްޖެ
Midhiya hafthaagai scam thakah ha lakka ahvure gina rufiyya gehlihhjje

މިދިޔަ ހަފުތާގައި ހުށަހެޅުނު ސްކޭމްގެ އެކި މައްސަލަތަކުގައި ހަ ލައްކައަށް ވުރެ ގިނަ ރުފިޔާ ގެއްލިފައިވާ ކަމަށާއި، އޭގެ ތެރެއިން އަނބުރާ ހޯދުނީ ގާތްގަނޑަކަށް ތިން ލައްކަ ރުފިޔާ ކަމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެންޓި ސްކޭމް ސެންޓަރުން އާންމުކުރި ހިސާބުތަކުން އެނގޭ ގޮތުގައި، މިދިޔަ ހަފުތާގެ ތެރޭގައި ސްކޭމްގެ 53 މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ. މި މައްސަލަތަކުގައި ޖުމުލަ 640،071.73 ރުފިޔާ ގެއްލިފައިވާއިރު، ފުލުހުން ކުރި މަސައްކަތުން އަނބުރާ ހޯދިފައިވަނީ 307،285.54 ރުފިޔާއެވެ.
އެންމެ ގިނައީ އޮންލައިން ވިޔަފާރީގެ ސްކޭމްތައް
ޒަމާނަށް އަންނަ ބަދަލުތަކާއެކު މަކަރާއި ހީލަތުން ފައިސާ ހޯދާ ފަރާތްތަކުގެ އުކުޅުތައް ވެސް ދަނީ ބަދަލުވަމުންނެވެ. މިދިޔަ ހަފުތާގައި އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރީގެ ސްކޭމްތަކެވެ. އެގޮތުން އޮންލައިން ވިޔަފާރީގެ 20 މައްސަލައެއް ހުށަހެޅިފައިވެއެވެ.
މީގެ އިތުރުން ފައިސާ މާރުކުރުމުގެ 11 މައްސަލައަކާއި، ބުކިން ކެންސަލޭޝަން އަދި ރިފަންޑް ސްކޭމްގެ 9 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އަދި އިންވެސްޓްމަންޓާ ގުޅުންހުރި 7 މައްސަލައަކާއި، އެހެން މީހެއްގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމުގެ (އިމްޕާސަނޭޝަން) 2 މައްސަލައިގެ އިތުރުން އެހެނިހެން 4 މައްސަލައެއް ވެސް ފާހަގަކުރެވިފައިވެއެވެ. މި ކަންކަމަށް ބޭނުންކޮށްފައިވާ ވަސީލަތްތަކުގެ ތެރޭގައި އޮންލައިން މެސެޖިން މަންސަތަކާއި، އައިބޭ، ޓިކްޓޮކް، ފޯން ކޯލް، ފިޝިން ލިންކު އަދި ފޭސްބުކް މާކެޓް ޕްލޭސް ހިމެނެއެވެ.
މި އަހަރުގެ މިހާތަނަށް ބަލާއިރު ސްކޭމްތަކަށް އެންމެ ގިނަ އަދަދަކަށް ފައިސާ ގެއްލިފައިވަނީ މިދިޔަ މެއި މަހުގައެވެ. އެ މަހު އެކަނިވެސް ސްކޭމަރުން ވަނީ 2.27 މިލިއަން ރުފިޔާ އަތުލައިފައެވެ.
އޮންލައިން ވިޔަފާރި ސްކޭމްތަކުން ރައްކާތެރިވުމުގެ ގޮތުން، މުދާ ލިބުމުން ފައިސާ ދެއްކޭނެ ގޮތް ނުވަތަ ’ކޭޝް އޮން ޑެލިވަރީ‘ އިޚުތިޔާރުކުރުމަށް އިސްކަންދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެއްވެސް މާލީ މުއާމަލާތެއް ކުރުމުގެ ކުރިން، ވިއްކާ ފަރާތުގެ އެކައުންޓް ރަޖިސްޓްރީކުރި ތާރީޚާއި، ގުޅޭނެ މައުލޫމާތުގެ އިތުރުން ކުރީގެ ކަސްޓަމަރުން ދީފައިވާ ފީޑްބެކް ބެލުމަކީ މުހިންމު ކަމެއްކަމަށް ފުލުހުން ހަނދާންކޮށްދެއެވެ.




