ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1.5 މިލިއަނަށް އަރައިފި
Raajje ai fathuruveringe adhadhu 1.5 million ah araifi

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.5 މިލިއަނަށް ވުރެ މައްޗަށް އަރައިފިއެވެ. ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، އިއްޔެގެ ނިޔަލަށް ރާއްޖެއަށް 1.52 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ނަމަވެސް، މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި ފަތުރުވެރިންގެ އަދަދާ އަޅާބަލާއިރު 3.6 ޕަސެންޓް ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 6،126 ފަތުރުވެރިން އައި ނަމަވެސް، މިހާރު ދުވާލަކު ރާއްޖެ އަންނަނީ އެވްރެޖްކޮށް 5،904 ފަތުރުވެރިންނެވެ. ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަށްވެފައިވަނީ މިދިޔަ ފެބުރުވަރީ މަހުގެ 28 ގައި މެދުއިރުމަތީގައި ފެށުނު ހަނގުރާމައާ ގުޅިގެން ވައިގެ ދަތުރުފަތުރަށް ކުރިމަތިވި ހުރަސްތަކުގެ ސަބަބުންނެވެ.
އެންމެ ގިނައިން ފަތުރުވެރިން އައީ ޗައިނާއިން
ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖެއަށް މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އެ ގައުމުން 279،410 ފަތުރުވެރިން އައިސްފައިވެއެވެ. ލިސްޓުގެ ދެވަނައިގައި އޮތް ރަޝިއާއިން 218،445 ފަތުރުވެރިން އައިސްފައިވާއިރު، އިނގިރޭސިވިލާތުން 114،986 ފަތުރުވެރިން، އިޓަލީން 95،297 ފަތުރުވެރިން، ޖަރުމަނުން 92،684 ފަތުރުވެރިން އަދި އިންޑިއާއިން 85،818 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން 1.09 މިލިއަން ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގައެވެ. މީގެ އިތުރުން ތިން ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ގެސްޓްހައުސްތަކުގައި، 34،000 އަށް ވުރެ ގިނަ ފަތުރުވެރިން ހޮޓެލްތަކުގައި އަދި 27،950 ފަތުރުވެރިން ސަފާރީ އުޅަނދުފަހަރުގައި ޗުއްޓީ ހޭދަކޮށްފައިވެއެވެ.
މިހާރު އަނެއްކާވެސް ފަތުރުވެރިން އަންނަ މިންވަރު އިތުރުވަމުން އަންނައިރު، މިދިޔަ މަހަކީ ހަނގުރާމަ ފެށުނު ފަހުން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި މަހެވެ. މި އަހަރުގެ ފަހު ސީޒަން ވާނީ ފަތުރުވެރިކަމަށް ވަރަށް ކާމިޔާބު ސީޒަނަކަށް ކަމަށާއި، މި އަހަރު އަންނަ ޖުމްލަ ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރަށްވުރެ މަދުނުވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މުޙައްމަދު އަމީން ވަނީ ވިދާޅުވެފައެވެ. މިދިޔަ އަހަރު ރާއްޖެއަށް ޖުމްލަ 2.2 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.




