މަސްތުވާތަކެއްޗާއެކު ކައްދޫ އެއާޕޯޓުން މީހަކު ހައްޔަރުކޮށްފި
Masthuvaathakehchaaeku Kadhdhoo airportun meehaku hahyarukohffi

މަސްތުވާތަކެތީގެ މައްސަލައެއްގައި ލ. ކައްދޫއިން 31 އަހަރުގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ލ. މާވަށް، ހަޒާރުމާގެ، ޢަބްދުﷲ ޤާސިމް (31އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ލ. ގަން ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.
ފުލުހުން ހާމަކުރި ގޮތުގައި މި އޮޕަރޭޝަން ހިންގާފައިވަނީ މި މަހުގެ 15 ވަނަ ދުވަހުގެ ރޭގަނޑު 7:13 އެހައިކަންހާއިރުއެވެ. އެގޮތުން ކައްދޫ އެއާޕޯޓު ތެރެއިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ 29.34 ގުރާމުގެ ތަކެތި ފެނިފައިވެއެވެ.
ޢަބްދުﷲ ޤާސިމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.




