ހަފުތާ ބަންދުގައި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ
Hafthaa bandhugai kanduthah aadhaige varakah gadhavaane

ސްކޫލްތަކުގެ މިޑް ޓާމް ޗުއްޓީ ނިންމައި އަންނަ އާދީއްތަ ދުވަހު އަލުން ކިޔެވުން ފެށުމަށް ހަމަޖެހިފައިވާއިރު، ކުރިއަށް އޮތް ހަފުތާ ބަންދުގައި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.
މެޓް އޮފީހުން ބުނެފައިވާ ގޮތުގައި ކުރިއަށް އޮތް ހަފުތާ ބަންދުގައި ރާއްޖޭގެ މޫސުން މާ ބޮޑަށް ގޯސްނުވި ނަމަވެސް، އެކި ހިސާބުތަކަށް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ފޯރާނެއެވެ. އެ އިދާރާއިން ބުނީ ”ކުރިއަށް އޮތް ހަފުތާ ބަންދުގައި ކަނަޑުތައް އުޅެނީ އާދައިގެ ވަރަކަށް ގަދަކޮށް މުޅި ރާއްޖެއަށް ވެސް. އެކަމަކު ދަތުރުނުކުރެވޭ ވަރަކަށް ނޫން“ ކަމަށެވެ.
މިއަދުގެ އިރުއޮއްސި 18:00 އާ ހަމައަށް މޫސުން ލަފާކުރެވޭ ގޮތަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށާއި، ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ވައިގެ ބާރުމިނަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކުގައި ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 3 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، އެހެން ހިސާބުތަކުގައި ގަޑިއަކު 12 މޭލާއި 18 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ބުނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މެޓް އޮފީހުން ފާހަގަކުރި ގޮތުގައި މިއަދު ދެކުނުގެ ކަނޑުތައް މަޑުވި ނަމަވެސް، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެއެވެ. އެގޮތުން ދެކުނުގެ އަތޮޅުތަކުގައި ރާޅުގެ އުސްމިން 3 ފޫޓުގައި ހުންނާނެ ކަމަށް ލަފާކުރެވޭއިރު، އުތުރާއި މެދުރާއްޖެތެރޭގައި ރާޅުގެ އުސްމިން 5 ފޫޓަށް އަރާނެ ކަމަށް ބެލެވެއެވެ.
ހަފުތާއަކަށް ދެމިގެންދާ މިޑް ޓާމް ޗުއްޓީއާ ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކު ދަތުރުފަތުރު ކުރަމުންދާއިރު، މި ދުވަސްވަރު ވިއްސާރަވެ މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތަކެއް ހިނގާފައިވާތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.




