50 މިލިއަން ޑޮލަރު ދެއްކިޔަސް، ތެލާއި ކާޑާއި ބޭސް މެދުނުކެނޑި ލިބޭނެ: ފިނޭންސް
50 million dollar dhehkiyas, thelaai kaadaai beys medhunukendi libeyne:Finance

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނެގި 150 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބިލް ފެސިލިޓީގެ ބާކީ ދައްކަން ޖެހޭ 50 މިލިއަން ޑޮލަރު ދެއްކި ނަމަވެސް، ރާއްޖެއަށް ބޭނުންވާ ތެލާއި ކާޑާއި ބޭސް މެދުނުކެނޑި ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.
ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް ކުރީ ސަރުކާރުން ނެގި މި 150 މިލިއަން ޑޮލަރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދައްކައި ނިންމާފައިވަނީ އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ. އެގޮތުން ޖެނުއަރީ 2024 ގައި 50 މިލިއަން ޑޮލަރު، އަދި މިދިޔަ މެއި މަހުގެ 11 ވަނަ ދުވަހު 50 މިލިއަން ޑޮލަރު ދައްކާފައިވާއިރު، ބާކީ އޮތް 50 މިލިއަން ޑޮލަރު މިއަދު ދެއްކުމާއެކު އެ ފެސިލިޓީގެ ދަށުން ނެގި ދަރަނި ވަނީ އެއްކޮށް ދައްކައި ނިމިފައެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ހިސާބުތަކުން ދައްކާ ގޮތުގައި އޮގަސްޓް 2026 ގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ ގާތްގަނޑަކަށް 644 މިލިއަން ޑޮލަރުގައެވެ.
ފިނޭންސް މިނިސްޓްރީން ވިދާޅުވީ ދަރަނި އަދާކުރުމުގެ ސަބަބުން ޒަރޫރީ މުދާ އެތެރެކުރުމަށް ބޭނުންވާ ބޭރު ފައިސާ ލިބުމަށް އެއްވެސް ދަތިކަމެއް ނާންނާނެ ކަމަށެވެ. އަދި ތެލާއި، ކާޑުގެ ބާވަތްތަކާއި ބޭހުގެ އިތުރުން މުހިންމު އެހެނިހެން މުދާ މެދުނުކެނޑި ފޯރުކޮށްދިނުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށްވުމާއެކު، އެކަމަށް ބޭނުންވާ އިންތިޒާމުތައް މިހާރުވެސް ހަމަޖައްސާފައިވާ ކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން، މި ދަރަނި ދެއްކުމުގެ ސަބަބުން މުދާ އެތެރެކުރުމަށް ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ވިދާޅުވެ މިނިސްޓްރީން ވަނީ އެކަން ދޮގުކޮށްފައެވެ.
ދަރަނި ބެލެހެއްޓުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ ދަރަނި އަދާކުރަން ޖެހޭ ތާރީހުތަކަށް ދުރާލައި ރޭވުންތެރިކަމާއެކު ތައްޔާރުވުން ކަމަށާއި، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ގަވައިދުން ފައިސާ ޖަމާކުރަމުން އަންނަ ކަމަށްވެސް ފިނޭންސުން ބަޔާންކުރެއެވެ. މީގެ އިތުރުން ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި ތަރައްގީގެ ބައިވެރިންނާއެކު ކުރެވެމުންދާ އުފެއްދުންތެރި މަޝްވަރާތަކުގެ ސަބަބުން ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށްވެސް މިނިސްޓްރީން އުންމީދު ކުރެއެވެ.
ރާއްޖޭގެ މާލީ ހާލަތު ވަރުގަދަކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް މިދިޔަ ހޯމަ ދުވަހު ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އެމްއެމްއޭއަށް 100 މިލިއަން ޑޮލަރުގެ ފެސިލިޓީއެއް ދިނުމަށް ވަނީ އެއްބަސްވެފައެވެ. އަދި މި ފަހުން ރައީސް ޑރ. މުއިއްޒު ވަނީ ވޯލްޑް ބޭންކުން ދެކުނު އޭޝިއާ ސަރަޙައްދަށް ކަނޑައަޅާފައި ހުންނަވާ ނައިބު ރައީސް ޔޮހާނަސް ޒުޓް އާއި ސައޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓުގެ ސީއީއޯ ސުލްތާން ބިން އަބްދުއްރަޙްމާން އަލް މުރްޝިދުއާ ވެސް ބައްދަލު ކުރައްވައިފައެވެ.




