އެފްއޭއެމް ފުޓްސަލް މުބާރާތުގެ ލ. އަތޮޅު ފައިނަލް މެޗު ތާރީޚެއް ނެތި ފަސްކުރުމުން ޓީމުތަކުގެ ކަންބޮޑުވުން
FAM Final Match Thareekheh neh gothah Fas kurun

އެފްއޭއެމް ފުޓްސަލް މުބާރާތުގެ ލ. އަތޮޅު ފައިނަލް މެޗު ތާރީޚެއް ނެތި ފަސްކުރުމުން ޓީމުތަކުގެ ކަންބޮޑުވުން
އެފްއޭއެމް އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ފުޓްސަލް މުބާރާތުގެ 2026 ވަނަ އަހަރުގެ ލ. އަތޮޅު ބުރުގެ ފައިނަލް މެޗު ވަކި ތާރީޚެއް ނެތް ގޮތަށް ފަސްކުރުމާ ގުޅިގެން، ފައިނަލުގައި ވާދަކުރާ ޓީމުތަކުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރަން ފަށައިފިއެވެ.
މި މުބާރާތުގެ ފައިނަލުގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ލ. ގަމާއި ލ. އިސްދޫ ބައްދަލުކުރާ ފޯރިގަދަ މެޗެކެވެ. ނަމަވެސް އެއްވެސް ސާފު ސަބަބެއް ބަޔާންނުކޮށް، އަދި މެޗު ދެން ކުޅޭނެ ވަކި ތާރީޚެއް ވެސް ކަނޑަނޭޅި މި މެޗު ލަސްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ދެ ޓީމުން ވެސް ދަނީ ބުނަމުންނެވެ.
މި ނިންމުމުގެ ސަބަބުން ދެ ޓީމަށް ވެސް މާލީ ގޮތުންނާއި އިދާރީ ގޮތުން ބޮޑެތި ގެއްލުންތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން ކުޅުންތެރިންގެ ކޭމްޕާއި ފަރިތަކުރުންތަކަށް ކުރި ބޮޑެތި ޚަރަދުތައް ބޭކާރުވެގެން ގޮސްފައިވާއިރު، މިކަމުގެ ޒިންމާ ނަގާނެ އެއްވެސް ފަރާތެއް ނެތުމަކީ ޓީމުތަކުގެ މެނޭޖްމަންޓުން އެންމެ ބޮޑަށް ހިތްހަމަނުޖެހޭ އެއް ކަންތަކެވެ.
ޓީމުތަކުގެ އޮފިޝަލުން ހާމަކުރާ ގޮތުގައި، މި މައްސަލައިން ދޭހަވަނީ އެފްއޭއެމްގެ ފަރުވާކުޑަކަމާއި، މުބާރާތްތައް ރޭވުމުގައި އުސޫލުތަކާއި ހަމަތަކެއް ނެތި ކަންކަން ކުރިއަށްދާ ކަމެވެ. އަދި ވަކި އުސޫލެއް ނެތި މިފަދަ މުހިންމު ނިންމުންތައް ނިންމުމަކީ ކުޅިވަރުގެ ރޫޙަށް ވެސް ލިބޭ ބޮޑު ހީނަރުކަމެއް ކަމަށް އެފަރާތްތަކުން ފާހަގަކުރެއެވެ.
މިކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ އެފްއޭއެމްގެ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށް، ޒިންމާދާރުކަމާއެކު ކަންކަން ނިންމުމަށް ގޮވާލަމުންނެވެ. އަދި ލަސްތަކެއް ނުވެ ފައިނަލް މެޗު ކުޅޭނެ ވަކި ތާރީޚެއް ކަނޑައަޅައި، ޓީމުތަކަށް ލިބެމުންދާ ގެއްލުންތަކަށް ހައްލެއް ހޯދައިދިނުމަށް ވެސް ދަނީ އެދެމުންނެވެ.




