އެއް އަހަރުގެ މުއްދަތަކަށް ކައްޗަލަ އެކްސްޕޯޓްކުރުމަށް 7 ފަރާތަކަށް ކޯޓާދީފި
Eh aharuge muhdhathakah kahcchala export kurumah 7 faraathakah quotaa dheefi

އެއް އަހަރު ދުވަހުގެ މުއްދަތަކަށް ކައްޗަލަ އެކްސްޕޯޓްކުރުމަށްޓަކައި 7 ފަރާތަކަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ކޯޓާ ދޫކޮށްފިއެވެ. މިގޮތުން ކަނޑައަޅާފައިވާ 7 ފަރާތުގެ ތެރެއިން ކޮންމެ ފަރާތަކަށްވެސް ދޫކޮށްފައިވަނީ 860 ކިލޯ އެކްސްޕޯޓް ކުރުމުގެ ކޯޓާއެވެ.
ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާއެއް ކަމަށްވާ، ”ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް އިން އެންޑޭންޖަރޑް ސްޕީޝީޒް އޮފް ވައިލްޑް ފޯނާ އެންޑް ފްލޮރާ“ (ސައިޓީސް) އިން ނޮވެންބަރު 2022 ގައި ބޭއްވި 19 ވަނަ ”ކޮންފަރެންސް އޮފް ދަ ޕާރޓީސް“ (ކޮޕް 19) ގައި، ރާއްޖޭގައި ކުރާ ހުއިފިލަނޑާ މަސްވެރިކަމުގައި ނަގާ ބާވަތެއް ކަމަށްވާ ކައްޗަލަ ވަނީ އެ މުޢާހަދާގެ ޖަދުވަލު 2 ގައި ހިމަނާފައެވެ. އަދި އެކަމަށް ތައްޔާރުވުމަށް 18 މަސް ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، 25 މޭ 2024 އިން ފެށިގެން އެ ބާވަތް އެއް ޤައުމުން އަނެއް ޤައުމަށް އެކްސްޕޯޓުކުރެވެނީ ސައިޓީސް މެނޭޖްމަންޓް އޮތޯރިޓީއިން ދޭ ހާއްސަ ޕާމިޓެއްގެ ދަށުންނެވެ.
ވިޔަފާރި އުސޫލުން ކައްޗަލަ އެކްސްޕޯޓްކުރުމަށް ސައިޓީސް ޕާމިޓް ދޫކުރަނީ ރާއްޖޭގެ ސައިންޓިފިކް އޮތޯރިޓީ ކަމަށްވާ މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓްއިން ތައްޔާރުކޮށްފައިވާ ”ނޮން-ޑެޓްރިމަންޓަލް ފައިންޑިންގ“ (އެން.ޑީ.އެފް.) އަށް ބަލައިގެންނެވެ. މިއީ އެ ބާވަތުގެ ދިރޭތަކެތި މާހައުލުން ނަގައި އެކްސްޕޯޓުކުރާ މިންވަރަކީ އާބާދީއަށް ގެއްލުން ނުވާނެ ދެމެހެއްޓެނިވި މިންވަރެއްކަން ޔަޤީންކުރުމަށް ހަދާފައިވާ ދިރާސާއެކެވެ. މި އެން.ޑީ.އެފް ގެ ދަށުން 12 މަސްދުވަހުގެ މުއްދަތަށް ހިއްކާފައިވާ ކައްޗަލައިގެ 10.95 ޓަނުގެ ކޯޓާއެއް ވަނީ ކަނޑައަޅާފައެވެ.
ކައްޗަލަ އެކްސްޕޯޓްކުރުމަށް ކޯޓާ ލިބުނު ފަރާތްތައް:
ކައްޗަލަ ގަނެ އެކްސްޕޯޓްކުރުމުގެ ލައިސަންސް އޮތް ފަރާތްތަކުގެ ތެރެއިން މި ކޯޓާ ދޫކޮށްފައިވަނީ އަންނަނިވި 7 ފަރާތަށެވެ:
- އޯޝަން ޓައިޑްސް އިންޓަރނޭޝަނަލް
- އެސްއެމް އިންވެސްޓްމަންޓް
- މަލަކް އިންވެސްޓްމަންޓް
- ވިލިނގިލި ފިޝް ވިލެޖް
- ސްކައި ގޯ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް
- ފޭމްސް ގްރޫޕް އޮފް އިންޑަސްޓްރީ ޕްރައިވެޓް ލިމިޓެޑް
- ޓްރޭޑް ބްރިޖް ޕްރައިވެޓް އިންވެސްޓުމަންޓު
ކައްޗަލަ އެކްސްޕޯޓްކުރުމަށް އެކުލަވާލާފައިވާ އުސޫލުގައިވާ ގޮތުން، ކަނޑައަޅާފައިވާ ޖުމްލަ ކޯޓާގެ 55 އިންސައްތަ ޝަރުތުހަމަވާ އެކްސްޕޯޓަރުންގެ މެދުގައި ބަހާއިރު، ބާކީވާ 45 އިންސައްތަ ބަހައްޓާނީ ރިޒާވް ކޯޓާގެ ގޮތުގައެވެ. އަދި ޝަރުތު ހަމަވާ އެކްސްޕޯޓަރުންނަށް ދޫކުރާ ވަކިވަކި ކޯޓާގެ މަދުވެގެން 95 އިންސައްތަ އެކްސްޕޯޓްކޮށް ނިމުމުން، ރިޒާވް ކޯޓާގެ ތެރެއިން އިތުރު 1.5 ޓަނާ ހަމައަށް ކޯޓާ ހޯދުމަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. މީގެއިތުރުން، އެކްސްޕޯޓަރުންނަށް ލިބިފައިވާ ކޯޓާ އެއްކޮށް ނުވަތަ އޭގެ ބައެއް އެހެން އެކްސްޕޯޓަރަކަށް ބަދަލުކުރުމުގެ ފުރުސަތުވެސް އުސޫލުގެ ދަށުން ލިބިދެއެވެ.




