މިއަހަރުގެ މިހާތަނަށް ރިސޯޓުތަކުގައި 1.1 މިލިޔަން ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފި
Mi aharuge mihaathanah resortthakugai 1.1 million fathuruverin chuhtee heydhakohffi

މިއަހަރުގެ މިހާތަނަށް ރާއްޖޭގެ ރިސޯޓުތަކުގައި 1.1 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި މުޅި ޖުމުލަ ފަތުރުވެރިންގެ 72 އިންސައްތައެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ ޖުމުލަ 1.5 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މީގެތެރެއިން 1,112,766 ފަތުރުވެރިން ރިސޯޓުތަކުގައި ޗުއްޓީ ހޭދަކޮށްފައިވާއިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓްހައުސްތަކުގައެވެ. އެއީ ޖުމުލަ ފަތުރުވެރިންގެ 22.1 އިންސައްތަ ކަމަށްވާ 334,016 ފަތުރުވެރިންނެވެ. މީގެއިތުރުން ހޮޓާތަކުގައި 34,845 ފަތުރުވެރިން އަދި ސަފާރީތަކުގައި 28,596 ފަތުރުވެރިން ވަނީ ޗުއްޓީ ހޭދަކޮށްފައެވެ.
އެންމެ ގިނައިން ފަތުރުވެރިން އައި ޤައުމުތައް
ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުތަކުގެ އެންމެ ކުރީގައި އޮތީ ޗައިނާއެވެ. އެގޮތުން އެ ޤައުމުން 284,555 ފަތުރުވެރިން އައިސްފައިވާއިރު، ދެވަނައިގައި އޮތް ރަޝިއާއިން 222,055 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން 116,658 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، އިޓަލީވިލާތުން 96,010 ފަތުރުވެރިން އަދި ޖަރުމަނުވިލާތުން 94,494 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި ރާއްޖޭގައި މިވަގުތު 1,277 ތަނެއް ހުޅުވާފައިވާއިރު، މީގެ ޖުމުލަ ބެޑް ކެޕޭސިޓީއަކީ 67,828 އެވެ. ރިސޯޓުތަކުގެ އިތުރުން ރަށްރަށުގެ ގެސްޓްހައުސްތަކަށްވެސް ފަތުރުވެރިންގެ ބޮޑު ތަރުޙީބެއް ލިބެމުންދާއިރު، މިއީ ރަށްރަށުގެ އިޤްތިޞާދަށާއި އާންމު ފަރުދުންގެ އާމްދަނީއަށް ވެސް ބޮޑު ކުރިއެރުމެއް ގެނެސްދެމުންދާ ކަމެކެވެ.




