ޓެކްސް ނުދައްކާ 33 ފަރާތެއްގެ ނަން މީރާއިން ހާމަކޮށްފި

Tax nudhahkaa 33 faraathehge nan MIRA in haamakohffi

ދައްކަންޖެހޭ ޓެކުހުގެ މިންވަރު ކަނޑައަޅައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އަންގާފައިވާ އެންގުމާ އެއްގޮތަށް ފައިސާ ދައްކާފައިނުވާ 33 ފަރާތެއްގެ ނަން އެ އޮތޯރިޓީން އާންމުކޮށްފިއެވެ.

މީރާއިން ނަން ހާމަކޮށްފައިވާ މި ފަރާތްތަކަކީ ޓެކުހުގެ ގޮތުގައި ދައްކަންޖެހި ނުދައްކައިވާ އަދަދު އެއް މިލިއަން ރުފިޔާއަށްވުރެ އިތުރުވެފައިވާ ފަރާތްތަކެވެ.

މީރާއިން ވިދާޅުވީ، މިއީ ”ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު“ގެ ދަށުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އެ ފަރާތްތަކުގެ މައުލޫމާތު އާންމުކުރުމުގެ ކުރިން، ފޯނުން ގުޅައިގެންނާއި އެސްއެމްއެސް މެދުވެރިކޮށް ވެސް މައުލޫމާތު ދީފައިވާނެ ކަމަށް މީރާއިން މައުލޫމާތު ދެއެވެ. އެގޮތުން ޓެކްސް ނުދައްކާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައަޅާފައިވާ އަދަބުތަކާއި، އެ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތަކުގެ ތަފުސީލު ވަނީ ސާފުކޮށްދީފައެވެ.

މީގެއިތުރުން، ދައުލަތަށް ދައްކަންޖެހި ނުދައްކައިވާ ޓެކްސް ފައިސާ ހޯދުމަށްޓަކައި، މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް ވެސް އެއްވެސް ތަފާތުކުރުމެއްނެތި އަޅަމުންދާނެ ކަމަށް އެ އޮތޯރިޓީން ވަނީ ހާމަކޮށްފައެވެ. އެހެންކަމުން، ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުން ލަސްނުކޮށް ބަޔާންތައް ހުށަހެޅުމަށާއި، ޓެކްސް ނުދައްކައިވާ ފަރާތްތަކުން ވީ އެންމެ އަވަހަކަށް ފައިސާ ދައްކައި ނިންމުމަށް މީރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

މީރާގެ މިދިޔަ މަހުގެ މާލީ ރިޕޯޓުގައިވާ ގޮތުން، އެކި ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމަށް ކުރި މަސައްކަތުން މިދިޔަ މަހު އެކަނިވެސް 497 މިލިއަން ރުފިޔާ ވަނީ ހޯދާފައެވެ. އެއީ މިދިޔަ މަހު މީރާއިން ބަލައިގެންފައިވާ ޖުމްލަ އާމްދަނީގެ 3.01 އިންސައްތައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted