ގަވާއިދާ ހިލާފަށް ވިޔަފާރިކުރި 24 ތަނެއް ބަލައި ފާސްކޮށްފި
Qavaaidhaa hilaafah viyafaariukuri 24 thaneh balai faaskohffi

ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތުތަކާ ގުޅިގެން މި މަހުގެ މިހާތަނަށް 24 ތަނެއް ބަލައި ފާސްކޮށް، އޭގެ ތެރެއިން އެއް ތަން ބަންދުކޮށްފައިވާ ކަމަށް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ގަވާއިދާ ހިލާފު ވިޔަފާރިތަކާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް
ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރިތައް ބަލައި ފާސްކުރުމުގެ އެންމެ ފަހުގެ އަދާހަމަ ހިއްސާކުރަމުން އެ ވުޒާރާއިން ބުނީ، 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ހުސްވި ޖުލައި މަހުގެ ނިޔަލަށް ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދިޔަ 107 ތަނެއް ބަންދުކޮށްފައިވާ ކަމަށެވެ. ރާއްޖޭގައި އުޅޭ ބިދޭސީން ގަވާއިދާ ހިލާފަށް ކުރާ ވިޔަފާރިތައް ހުއްޓުވުމުގެ މަސައްކަތް ފުލުހުންނާއި އިމިގްރޭޝަން އަދި ކަމާ ބެހޭ އެހެން އިދާރާތައް ގުޅިގެން ދަނީ ކުރަމުންނެވެ.
އިގްތިސާދީ ތަރައްގީއާ ބެހޭ ވުޒާރާއިން ފާހަގަކުރި ގޮތުގައި، ދިވެހިން ނިވާފަތްގަނޑަކަށް ހަދައިގެން ބިދޭސީން ވިޔަފާރިތައް ހިންގަމުންދާ މައްސަލަތަކާއި، ފޮރިން އިންވެސްޓްމަންޓް ގާނޫނުގެ ދަށުން ބިދޭސީންނަށް ހުއްދަނުކުރާ ދާއިރާތަކުގައި ބިދޭސީން ހަރަކާތްތެރިވަމުން އަންނަކަން ވަނީ ފާހަގަކުރެވިފައެވެ. އައު ފޮރިން އިންވެސްޓްމަންޓް ގާނޫނުގެ ދަށުން ބޭރުގެ ފަރާތްތަކަށް ވިޔަފާރި ކުރެވޭނެ ދާއިރާތަކާއި މަނާ ދާއިރާތައް މިހާރު ވަނީ އިއުލާނުކޮށްފައެވެ.
މައުލޫމާތު ރިޕޯޓުކުރުމަށް ހުޅުވާލުން
ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ފަރާތްތަކުގެ މައުލޫމާތު ވުޒާރާގެ ވެބްސައިޓާއި، ހޮޓްލައިން އަދި އިމިގްރޭޝަން ވޮޗް މެދުވެރިކޮށް ރިޕޯޓު ކުރުމަށް ވަނީ އަންގާފައެވެ. އަދި ވެބްސައިޓް މެދުވެރިކޮށް މައުލޫމާތު ހުށަހަޅާއިރު، ހުށަހަޅާ ފަރާތް ނޭނގޭ ގޮތަށް (އެނޮނިމަސްކޮށް) މައުލޫމާތު ދެވޭނެ އިންތިޒާމް ވެސް ވަނީ ހަމަޖައްސާފައެވެ.
އެގޮތަށް ލިބޭ ރިޕޯޓުތަކަށް ވުޒާރާ އާއި ފުލުހުންގެ އިދާރާ އަދި މޯލްޑިވްސް އިމިގްރޭޝަން ހިމެނޭހެން އުފައްދާފައިވާ ”ނެޝަނަލް ޓާސްކްފޯސް އޮން ކޮމްބެޓިން އިލީގަލް އެކްސްޕެޓްރިއޭޓް އޮޕަރޭޝަންސް އެންޑް ބިޒްނަސަސް“ މެދުވެރިކޮށް، އަވަސް ފިޔަވަޅުތަކެއް އަޅާނެ ކަމުގެ ޔަގީންކަން ވުޒާރާއިން ވަނީ ދީފައެވެ.




