އެލްނީނޯއާ ގުޅިގެން ހާލަތު ގޯސްވެއްޖެނަމަ ބިންހިއްކުމުގެ މަޝްރޫއުތައް ހުއްޓާލާނެ: މިނިސްޓަރު
El-Nino aa gulhigen haalathu goasvehjjenama bin hihkumuge mashroouthah hutaalaane: Minister

އެލްނީނޯގެ ހާލަތު އިތުރަށް ގޯސްވެ، ތިމާވެއްޓަށް ގެއްލުންވާ ހާލަތަކަށް ގޮސްފިނަމަ ބިންހިއްކުން ފަދަ ބައެއް ޕްރޮޖެކްޓްތައް ހުއްޓާލަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރައްވާނެ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިހާރު ފޯކާސްޓްކޮށްފައިވާ ގޮތަށް އެލްނީނޯ ކުރިއަށްދާނަމަ އިތުރަށް ހޫނުވުމާއެކު މި ހާލަތު އަންނަ އަހަރަށް ވެސް ދިގުލައިގެންދާނެ ކަމަށެވެ. އަދި މިހާރުގެ ފޯކާސްޓްތަކުން ދައްކަނީ ހާލަތު އިތުރަށް ގޯސްވާނެ ކަމަށް ކަމަށާއި، އިންޑިއާ ކަނޑުގެ ސަރަހައްދުގައި ހިނގާ އިންޑިއަން އޯޝަން ޑައިޕޯލްގެ ސަބަބުން ކައުންޓަރ އިފެކްޓެއް ފެނިދާނެތީ މެޓް ސަރވިސްއިން ކޮންމެ ދުވަހަކު ކެނޑިނޭޅި މި އިންޑެކްސްތައް ބަލައި މޮނިޓަރ ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
ފަރުތައް ހުދުވުމުގެ ބިރު ބޮޑު
މި ދުވަސްވަރު އެންމެ ބޮޑު ހިރާސެއް އޮތީ ފަރުތަކުގެ ގާތައް ހުދުވުމަށްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އެންމެ ފަހުން މައިނަރ އެލްނީނޯއެއް ދިމާވި ފަހަރުވެސް ބިންހިއްކުމުގެ މަސައްކަތް ހުއްޓާލި ކަމަށެވެ. ނަމަވެސް ބިންހިއްކުމުގެ މަސައްކަތަކީ އަގުބޮޑެތި ޑްރެޖަރުތައް ގެނެސްގެން، ކޮންމެ ދުވާލަކަށް އެތައް ލައްކަ ޑޮލަރެއް ޗާޖުކުރާ ކަމަކަށްވާތީ، ހަމައެކަނި އެލްނީނޯއޭ ކިޔާފައި މަސައްކަތް މުޅިން ހުއްޓާލުމަކީ އެންމެ ފަސޭހަ ކަމަކަށް ނުވާނެ ކަމަށް ފާހަގަކުރެއްވިއެވެ.
އެހެންކަމުން އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އަދި އެ ހާލަތު އެ ވަރަށް ގޯސްވެއްޖެނަމަ، ކުރިންވެސް ކަންކުރި އުސޫލުން މަސައްކަތްތައް ހުއްޓާލަން ޖެހިއްޖެ ހާލަތެއްގައި ހުއްޓާލާނެ ކަމަށް މިނިސްޓަރު ޢަލީ ޝަރީފު ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރު ފާހަގަކުރެއްވީ، މަސައްކަތް އެވޯޑްކޮށްފައިވާ ކޮންޓްރެކްޓަރުންނާ މަޝްވަރާކޮށްގެން، ޑްރެޖަރުތައް އައިޑަލްކޮށް ބައިތިއްބާ ދުވަސްތަކުގައި ޗާޖު ނުނެގުން ނުވަތަ މިނިމަލް ޗާޖެއް ނަގައިގެން ނުވަތަ އެހެން ތަނެއްގައި މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތްތަކެއް ހޯދުމަށް އެ ފަރާތްތަކުގެ އެއްބާރުލުން މިކަމުގައި ވަރަށް މުހިންމު ކަމަށެވެ.




