5 މިލިއަން ގަސް މަޝްރޫއުގެ ދަށުން 2.3 މިލިއަނަށްވުރެ ގިނަ ގަސް އިންދައިފި
5 Million gass masroouge dhashun 2.3 millionah vure gina gass indhaifi

ސަރުކާރުން ކުރިއަށްގެންދާ 5 މިލިއަން ގަސް އިންދުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން މިހާތަނަށް 2.3 މިލިއަނަށްވުރެ ގިނަ ގަސް އިންދާފައިވާކަން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު އަލީ ޝަރީފު މިކަން ހާމަކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ވަޒީރު ވިދާޅުވީ، ކަނޑައެޅިފައިވާ ޢަމާޒުގެ ދެބައިކުޅަ އެއްބައި މިހާރު ހާސިލުވެފައިވާ ކަމަށާއި، ކަނޑައެޅިފައިވާ މުއްދަތު ހަމަވުމުގެ ކުރިން މުޅި މަޝްރޫޢުގެ އަމާޒަށް ވާސިލުވެވޭނެ ކަމުގެ ފުރިހަމަ އުއްމީދު އެބައޮތް ކަމަށެވެ.
ފަސް މިލިޔަން ގަސް އިންދުމުގެ ޤައުމީ މަޝްރޫޢަކީ ރާއްޖޭގައި ނެތެމުންދާ ގަސްތައް އަލުން އާލާކުރުމަށާއި، ޤުދުރަތުގެ ފެހިކަން އިތުރުކޮށް މާޙައުލީ ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ކުރިއަށްގެންދަވާ ޚާއްޞަ މަސައްކަތެކެވެ. މި މަޝްރޫޢު ރަސްމީކޮށް އިފްތިތާޙުކޮށްފައިވަނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.
ޒަމާނީ ނާސަރީތައް ޤާއިމުކުރުމުގެ މަސައްކަތް
ރާއްޖެ ފެހިކުރުމުގެ މަސައްކަތް ދެމެހެއްޓެނިވި އުސޫލަކުން ކުރިއަށް ގެންދިއުމުގެ މަޤްޞަދުގައި، މުޅި ރާއްޖެއަށް ޢަމާޒުކޮށްގެން އެންމެ ޒަމާނީ ފެންވަރުގެ 20 ނާސަރީ ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި މިހާރު ސޮއިކުރެވިފައިވާއިރު، ފުރަތަމަ ފިޔަވަހީގައި ހިމެނޭ 10 ރަށެއްގައި ޢަމަލީ މަސައްކަތްތައް ފެށިގެން މެދުކެނޑުމެއްނެތި ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ޚާއްޞަ ގޮތެއްގައި ރ. އިންނަމާދޫގައި ޤާއިމުކުރާ ނާސަރީގެ ފައުންޑޭޝަން މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަން ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ، މި ހުރިހާ ނާސަރީތަކެއްގެ މަސައްކަތް ނިމުމުން، ރަށްރަށުގައި ގަސްގަހާގެހި އިންދުމާއި ފެހިކަން އިތުރުކުރުމުގެ މަސައްކަތްތައް ވަރަށް ބޮޑަށް ލުއިފަސޭހަވެގެންދާނެ ކަމަށެވެ.




