މިއަހަރު ސްކޭމް މައްސަލަތަކަށް ގެއްލުނު ރުފިޔާގެ އަދަދު 15 މިލިއަނަށްވުރެ މައްޗަށް

Miaharu scam mahssalathakah gehllunu rufiyyage adhadhu 15 millionahvure mahchah

މިއަހަރުގެ މިހާތަނަށް ސްކޭމްގެ އެކި މައްސަލަތަކުގައި އާންމުންގެ އަތުން ގެއްލުނު ފައިސާގެ އަދަދު 15 މިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރައްވައިފިއެވެ.

ފުލުހުން މި ތަފާސްހިސާބުތައް އާންމުކުރެއްވީ 2024 ވަނަ އަހަރު ތިން ވުޒާރާއެއްގައި ހިނގި އަލިފާނުގެ ހާދިސާއާއި، މި އަހަރު ސްކޭމާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި މައުލޫމާތު ދެއްވީ ހެޑް އޮފް މޭޖަރ ކްރައިމް އިންވެސްޓިގޭޝަން، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މި އަހަރުގެ މިހާތަނަށް ޖުމްލަ 1،584 ސްކޭމް މައްސަލައެއް ވަނީ ހުށަހަޅާފައެވެ. މި ކުށްތަކުގެ ޝިކާރައަކަށް 1،580 މީހުން ވެފައިވާއިރު، ގެއްލުނު ފައިސާގެ ޖުމްލަ އަދަދު 15،067،763.83 (ފަނަރަ މިލިއަން ފަސްދޮޅަސް ހަތްހާސް ހަތްސަތޭކަ ފަސްދޮޅަސް ތިން ރުފިޔާ އަށްޑިހަ ތިން ލާރި) އަށް އަރައެވެ. މީގެ ތެރެއިން 6.6 މިލިއަން ރުފިޔާ އަނބުރާ ހޯދިފައިވާ ކަމަށާއި، އެއީ ގެއްލުނު ފައިސާގެ 44.3 އިންސައްތަކަން ފުލުހުން ފާހަގަކުރެއްވިއެވެ. މިއީ ދުނިޔޭގެ އެހެން ގައުމުތަކުގައި އެންޓި ސްކޭމް މަސައްކަތްތަކާ އަޅާބަލާއިރު ބައިނަލްއަގްވާމީ ގޮތުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މީގެއިތުރުން، ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތުގެ ތެރެއިން 852 ރައްޔިތަކަށް ފައިސާ އެއްކޮށް ރައްދުކޮށްދެވިފައިވާއިރު، 320 ރައްޔިތެއްގެ އަތުން ގެއްލުނު ފައިސާގެ ބައެއް އަނބުރާ ރައްދުކޮށްދެވިފައިވާ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި އެންމެ ގިނައިން ހިނގަނީ އޮންލައިންކޮށް ހިންގާ އީ-ކޮމާސް ސްކޭމްތައް ކަމަށާއި، މި ބާވަތުގެ 821 މައްސަލަ ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުންޏެވެ. ދެވަނައަށް އެންމެ ގިނައީ 244 މައްސަލަ ރެކޯޑުކުރެވިފައިވާ ކަރަންސީ އެކްސްޗޭންޖް ސްކޭމްތަކެވެ. އަދި ތިންވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ޝަހުސު އޮޅުވާލައިގެން ހިންގާފައިވާ 213 ސްކޭމް މައްސަލައެވެ.

ފުލުހުން އިތުރަށް ފާހަގަކުރެއްވި ގޮތުގައި މުޅިން އަލަށް ފެންނަން ފެށި ”ބުކިން ކެންސަލޭޝަން ރީފަންޑް ސްކޭމް“ ގެ 80 މައްސަލައެއް މިހާތަނަށް ވަނީ ހުށަހެޅިފައެވެ. މި ސްކޭމަކީ ރިސޯޓުތަކާއި ހޮޓާތައް އަދި ތަންތަން ކުއްޔަށްދޭ ފަރާތްތަކަށް އަމާޒުކޮށް، ބުކިންގއެއް ހެދުމަށް ފައިސާ ޖަމާކުރި ކަމަށް ދައްކައި ސައްހަ ނޫން ބޭންކް ސްލިޕު ފޮނުވުމަށްފަހު، ބުކިން ކެންސަލްކޮށް ފައިސާ އަނބުރާ ހޯދުމަށް އެދިގެން ހިންގާ ސްކޭމެކެވެ. މި މައްސަލަ ފާހަގަކުރެވުމާއެކު އާންމުން ހޭލުންތެރިކުރުމުގެ މަސައްކަތްތަކެއްވެސް ކުރެވިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted